ބައިނަލްއަގުވާމީ ފެންވަރުގައި ތަންފީޒުކުރާ ބޮޑެތި ގާނޫނުތަކާ، ގަވައިދުތަކާ މުއާހަތައް އެކުލަވާލަމުން އަންނަ ޔުނައިޓަޑް ނޭޝަންސް (އދ)ގެ އެންމެ ނުފޫޒުގަދަ އިދާރާ ނުވަތަ ސަލަމަތީ މަޖިލީހުގައި ވީޓޯ ބާރު ލިބިފައިވާ 5 ގައުމުގެ ތެރޭގައި ހިމެނޭ އެމެރިކާ އަށް، ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހަކީ ހާއްސަ ދުވަހެކެވެ. އިތުރު ތަފްސީލަށް ބޭނުން ނުވާނެ ފަދައިން، އެ ދުވަހަކީ، އެމެރިކާގެ ރިޔާސީ އިންތިހާބުގެ ރަސްމީ ވޯޓުލުން ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފައި އޮތް ދުވަހެވެ.

އިންތިހާބަށް 3 ދުވަހަށް ވެފައި ވާއިރު، ދެވަނަ ދައުރަކަށް ފައި ވިއްދަވައިގެން ހުންނެވި މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި އިދިކޮޅު ކެންޑިޑޭޓު އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން ގެންދަވަނީ ކެމްޕޭން މެކުހަށް ޖައްސަވާ، އެންމެ ފަހުގެ އެން އުއްކަވައިގެން ވޯޓަރުން ހޯއްދެއްވުމުގެ މަސައްކަތްތައް ކުރައްވަމުންނެވެ.

ކުރިއަށް އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި އިންތިހާބީ ހަނގުރާމަ އެންމެ ގަދަވެގެންދާނެ 8 ސްޓޭޓެއް ހިމެނޭ ގޮތަށް، ޓްރަމްޕްގެ 14 ރެލީއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ބައިޑަންއަށް ބަލާއިރު އޮތީ މައިގަނޑު 2 ރެލީއެކެވެ. މި ކެމްޕޭންތަކުގައި ބައިޑަންއާއެކު، އެމެރިކާގެ ކުރީގެ ރައީސް، އަދި އެމެރިކާގެ މަގުބޫލު ރައީސް ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ބަރާކް އޮބާމާވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޚަބަރު ލިބެއެވެ. މީގެ އިތުރުން މަޝްހޫރު ލަވަކިއުންތެރިޔާ ސްޓީވީ ވޮންޑާވެސް ބައިޑަންއާ ބައިވެރިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެމެރިކާގެ އިންތިހާބީ ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން، ރަސްމީ ވޯޓުލުން ކުރިއަށް ދާ ދުވަހުގެ ކުރިންވެސް ވޯޓު ދިނުމުގެ ފުރުސަތު، އެ ގައުމުގެ ރައްޔިތުންނަށް އޮވެއެވެ. އެގޮތުން، މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ވޯޓު ލާފައި ވާއިރު، 2016 ވަނަ އަހަރު ވޯޓުލީ މީހުންގެ ޖުމުލަ އަދަދު 65 ޕަސެންޓް މީހުން މިހާރުވެސް ވޯޓު ލައިފިއެވެ. ފަހުގެ ތާރީހުތަކަށް ބަލާއިރު، ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން، އިންތިހާބުގައި ބައިވެރިވެފައިވަނީ ގާތްގަނޑަކަށް 60 ޕަސެންޓް ކަން ފާހަގަ ކުރަންޖެހެއެވެ. އެހެންކަމުން، މިފަހަރުގެ އިންތިހާބުގައި ރެކޯޑް އަދަދަކަށް ވޯޓު ދޭނެ ކަމަށް ބެލެވެއެވެ.

ކުރިއަށް އޮތް އިންތިހާބާ ދިމާކޮށް، ކުރިއަށް ގެންގޮސްފައި ވާ ހިޔާލު ހޯދުމުގެ ސާވޭތަކަށް ބަލާއިރު ކުރީގައި އޮތީ ބައިޑަންއެވެ. ފިކްސް ނިއުސް އިން ކުރި ސާވޭއަކުން ދައްކާ ގޮތުގައި، ޓްރަމްޕަށް 44 ޕަސެންޓްގެ ތާއީދެއް އޮތް އިރު، ބައިޑަން ކުރީގައި އުޅުއްވަނީ 52 ޕަސެންޓް ތާއީދާއެކުގައެވެ.

އެމެރިކާގެ ސިޔާސީ ޕާޓީ ނިޒާމު ބިނާ ވެފައި އޮންނަނީ މައިގަނޑު 2 ފިކުރެއްގެ މައްޗަށެވެ. އެއީ މިހާރުވެސް ވެރިކަން ކުރަމުން އަންނަ ރިޕަބްލިކަން ޕާޓީއާއި، އިދިކޮޅުގައި އޮތް ޑިމޮކްރަޓުންގެ ޕާޓީއެވެ. މިއިން އެއްވެސް ކޮޅަކަށް ނުޖެހޭ ވޯޓަރުންގެ މެދުގައިވެސް މަގުބޫލުކަން ބޮޑީ ބައިޑަންގެއެވެ. އިންޑިޕެންޑެންޓް ވޯޓަރުން ނުވަތަ މިނިވަން ވޯޓަރުންގެ 54 ޕަސެންޓް މީހުން ބައިޑަންއަށް ތާއީދު ކުރާއިރު، ޓްރަމްޕަށް އޮތީ 32 ޕަސެންޓްގެ ތާއީދެވެ.

އެމެރިކާގެ ރައީސް ކަމުގެ މަގާމު މިފަހަރު ކަށަވަރު ކުރައްވާނެ ކަމަށް ގިނަ ބަޔަކު ބުރަވަނީވެސް ބައިޑަންއާ ވީ ކޮޅަށެވެ. އެގޮތުން، މިފަހަރުގެ އިންތިހާބުގައި ބައިޑަންއަށް ކުރި ލިބޭނެ ކަމަށް 55 ޕަސެންޓް މީހުން ބުނާއިރު، 44 ޕަސެންޓް މީހުން ބުނަނީ މޮޅު އޮތީ ޓްރަމްޕަށް ކަމަށެވެ.

އިންތިހާބުގެ ނަތީޖާ ލިބޭ ވަރު ވާނީ، ނޮވެމްބަރު 4 ވާ ބުދަ ދުވަހުގެ ހެނދުނު (ޖީއެމްޓީ ގަޑިން) 09:00 ގައި ކަމަށް ބެލެވެއެވެ.