ރެކްޓާ މިންގަނޑުން 7.0 ގެ ބާރު މިނުގައި އެއިޖިއާން ކަނޑަށް އައި ބިން ހެލުމުގައި ތުރުކީވިލާތުގެ އިޒްމީރު ސަރަހައްދުން މަރުވި މީހުންގެ އަދަދު 4 އަށް އަރާ، ޒަހަމްވީ މީހުންގެ އަދަދު 120 އަށް އަރައިފިއެވެ.
މިއީ ރެކްޓާ މިންގަނޑުން 7.0ގެ ބާރުމިނުގެ ބިންހެލުމެއް ކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުނާއިރު، ތުރުކީއިން ބުނާ ގޮތުގައި މި ބިންހެލުމަކީ ރެކްޓާ މިންގަނޑުން 6.6 ގެ ބާރުމިނުގައި އައި ބިންހެލުމެކެވެ.
މީހުން މަރުވެފައި ވަނީ އިމާރާތްތައް ވެއްޓުނު ސަރަހައްދުން ކަމަށް މައުލޫމާތު ލިބެއެވެ. ވެއްޓިފައި އިމާރާތްތަކުގެ ދަށުގައި އަދިވެސް ގިނަ އަދަދެއްގެ ބަޔަކު ތާށިވެފައި ވާ ކަމަށް ކަމާ ބެހޭ ފަރާތްތަކާ، އާންމުންވެސް ދަނީ ބުނަމުންނެވެ.
މި ބާރުގަދަ ބިންހެލުމާއެކު ސުނާމީއެއްވެސް ވަނީ އަރާފައެވެ. ސުނާމީ އަރާފައިވަނީ ސެފީރިހީސާރް ޑިސްޓްރިކްޓަށެވެ.
މަންޒަރު ދުށް މީހުން ކިޔައިދިން ގޮތުގައި ބިންގަނޑުހެލިގަތުމާއެކު، އިމާރާތުގައި ތިބި މީހުން ވަނީ މަގުތަކަށް ނިކުމެފައެވެ. ލިބެމުންދާ މަންޒަރުތަކަށް ބަލާއިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ބައިތަކުގެ ތެރެއިން، ސަލާމަތް ވުމަށް މީހުން ނިކުންނަ މަންޒަރުވެސް ފެނެއެވެ. އަދި ބައެއް ސަރަހައްދުތަކުން، އުޑަށް ދުންގަނޑެއް އަރައިގެން ދިޔަ ކަމަށްވެސް ޚަބަރު ލިބެއެވެ. އިޒްމީރުގެ މޭޔާ ތުންކް ސޮޔާ ވިދާޅުވާ ގޮތުގައި 20 އަކަށް އިމާރާތް ވަނީ ވެއްޓިފައެވެ.
ޖިއޮގްރަފީ ގޮތުން ތުރުކީވިލާތް އުފެދިފައި އޮންނަ ސަރަހައްދުގެ ގޮތުން އެ ގައުމަކީ ބިންހެލުންތަކާ ގިނަ އަދަދަކަށް ކުރިމަތިލާން ޖެހޭ ގައުމެކެވެ. ޖީއެމްޓީގަޑިން 11:50 ގައި އައި ބިންހެލުމުގެ އަސަރު ގްރީސްއަށްވެސް ކުރި ކަމަށް ޚަބަރު ލިބެއެވެ. ގްރީސްއާއި ތުރުކީވިލާތަކީ މިވަގުތު ޑިޕްލޮމެޓިކް ކޯޅުމެއްގައި އޮތް ދެ ގައުމަށް ވީ ނަމަވެސް، ގްރީސްއާއި ތުރުކީއިންވަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އެއް ބަޔަކު އަނެއް ބަޔަކަށް އެއްބާރުލުން ދިނުމަށް ބައިއަތު ހިފާފައެވެ.
ތުރުކީވިލާތަށް މިއަދު އައި ބާރުގަދަ ބިންހެލުމާއި، ސުނާމީގައި ދިވެހި އެއްވެސް ރައްޔިތަކަށް އެހީ ބޭނުންވެގެން އަދި މިހާތަނަށް ރިޕޯޓް ކޮށްފައި ނުވާ ކަން، ދިވެހި ހާރިޖިއްޔާއިން ވަނީ ދަ ޕްރެސްއަށް ކަށަވަރުކޮށްދީފައެވެ.