ޖިންސީ ގޯނާ ކުރާ ފަރާތްތަކުގެ މައްޗަށް މަރުގެ ހުކުމް އިއްވާ، އެކަން ތަންފީޒު ކުރުމަށް ގާނޫނީ ބާރު، ބަންގްލަދޭޝްގެ ސަރުކާރުން ދިންތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ. މަރުގެ ހުކުމް ތަންފީޒު ކުރުމަށް ގާނޫނުން ބާރު ދިން ކަމުގައި ވީ ނަމަވެސް، ޖިންސީ ގޯނާގެ ޖަރީމާއަށް އަރައިގަންނަ މިންވަރަށް ބަދަލެއް ނާދެއެވެ. މި އަދަދު އަދިވެސް ދަނީ ހައްތަހާ މައްޗަށެވެ.

ބަންގްލަދޭޝްގައި، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އައިން-އޯ-ސަލީޝް ކެންޑްރާ (އާސްކް) އިން އާންމު ކޮށްފައިވާ ރިޕޯޓަށް ބަލާއިރު، މިއަހަރުގެ ޖަނަވަރީ މަހާ ސެޕްޓެމްބަރު މަހާ ދެމެދު 975 އަންހެނަކު، ރޭޕްގެ ޝިކާރައަކަށް ވި ކަމަށް ވަނީ ރެކޯޑް ކޮށްފައެވެ. މީގެ ތެރޭގައި ގޭންގް ރޭޕް ނުވަތަ ގުރޫޕު ހަދައިގެން ރޭޕްގެ ހަމަލާ ދިން ކަމުގެ 208 ކޭހެއް ހިމެނެއެވެ.

ނުރައްކާތެރި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން އެންމެ ނުރައްކާވި އޭޕްރިލްއާއި އޯގަސްޓް މަހާ ދެމެދު ފާއިތުވީ މުއްދަތަށް ބަލާއިރު، 630 ރޭޕް ކޭސް ވަނީ ރެކޯޑް ކޮށްފައެވެ.

ބޭރު ގައުމުތަކުގައި މަސައްކަތްކުރުމަށްފަހު އެނބުރި ބަންގްލަދޭޝްއަށް ދިޔަ ބަޔަކު އެއާޕޯޓް ތެރޭގައި/ފައިލް ފޮޓޯ: ޕިޔާސް ބިސްވާސް

މިއީ އަދި މުޅިއަކުން ހަގީގަތެއް ނޫނެވެ. ތަޖުރިބާކާރުންނާ އެކްޓިވިސްޓުން ގަބޫލު ކުރާ ގޮތުގައި މި ރިޕޯޓްގައި އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަކީ، ހަގީގީ ޖަރީމާގެ 3 ބައިކުޅަ 1 ބައެވެ. ހަގީގީ އަދަދުތަކަކީ ކޮބައިކަން، ކަމާ ބެހޭ ރަސްމީ އެއްވެސް އިދާރާއަކުން އަދިވެސް އާންމު ކޮށްފައެއް ނުވެއެވެ.

ރޭޕްގެ ކުށް ސާބިތުވެއްޖެނަމަ އެމީހަކު މަރަން ހުކުމް ކުރާ ގޮތަށް ގާނޫނަށް އިސްލާހު ގެނައި ކަމުގައި ވީ ނަމަވެސް މިކަމުގެ ސަބަބުން މާ އެދެވޭ ބަދަލުތަކެއް އަންނާނެ ކަމަކަށް އެކްޓިވިސްޓުންނާ ތަޖުރިބާކާރުން ގަބޫލެއް ނުކުރެއެވެ. ސަބަބެއް ކަމަށް ބުނަނީ، ބަންގްލަދޭޝްގެ އަދުލު އިންސާފުގެ ނިޒާމުގައި މައްސަލަތަކެއް ހުރުމެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްގެ ދެކުނު އޭޝިއާ ސަރަހައްދަށް ހާއްސަ ރިސާޗަރެއް ކަމަށްވާ ސުލްތޯން މުޙައްމަދު ޒަކަރިއްޔާ ފާހަގަ ކުރި ގޮތުގައި، ބަންގްލަދޭޝްގައި ބޮއްސުންލާފައިވާ ޖިނާއީ އަދުލުގެ ނިޒާމު އިސްލާހު ނުކުރަނީސް، މި ކަމަށް ހައްލެއް ނެތެވެ. ގާނޫނުތަކުގައި ހުރި ފޫނުބެދޭ ކަންކަމަށް ރިއާޔަތް ކުރަން ޖެހޭ ކަމަށާ، ގާނޫނުން ވެރިކަން ހިންގުމުގެ ނިޒާމުވެސް މިހާރަށް ވުރެ ރަނގަޅު ކުރަންޖެހޭ ކަމަށް އޭނާ ބުނެއެވެ. މިކަން ކަން ފުރިހަމަ ނުކޮށް، ހަރުކަށި އަދަބެއް އިއުލާން ކުރުމަކުން އަންނާނެ ހެޔޮ ބަދަލެއް ނޯންނާނެ ކަމަށްވެސް އެމްނެސްޓީގެ ރިސާޗަރު ވަނީ ފާހަގަކޮށްފައެވެ.

ބަންގްލަދޭޝްގެ މަދަރުސާއެއްގެ ތެރޭގައި އިހާނެތި ގޮތަކަށް މަރާލި އުމުރުން 19 އަހަރުގެ ނުސްރަތު ޖަހާން ރާފީ/ފޮޓޯ: އާއިލާ

އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލައަށް ބަލާއިރު، ޝިކާރައަކަށް ވާ މީހުންނަށް އެހީތެރިކަން ލިބޭނެ ނިޒާމެއް ބަންގްލަދޭޝްގައި ހަމަޖެހިފައެއް ނެތެވެ. ޝަރުއީ އިމުގެ ތެރެއިންވެސް މިކަމަށް އެދެވޭ ހައްލެއް ނެތެވެ.

ޒަކަރިއްޔާ ބުނާ ގޮތުގައި ޖިނާއީ ކުށްވެރިންނަށް ބަންގްލަދޭޝްގައި ނުރަސްމީ އިމެއްގައި ވަނީ ހިމާޔަތް ދެވިފައެވެ. އެކްޓިވިސްޓުން ފާހަގަ ކުރާ ގޮތުގައި، އަނިޔާ ލިބިފައިވާ ބައެއް މީހުންނަކީ ގޮށްމުށުގެ ބާރަށް ޖެހިލުންވެ، ހަގީގަތް ހާމަ ކުރުމަށް ފަސްޖެހޭ މީހުންނެވެ. އަނެއްބައި މީހުންނަކީ، އާއިލާގެ ޕްރެޝަރާ، މުޖުތަމައުގެ ގަބޫލުކުރުންތައް އޮންނަ ގޮތުން ހިމޭނުން ތިބި ބައެއް ކަމަށްވެސް ބައެއް އެކްޓިވިސްޓުން ފާހަގަކުރެއެވެ.

ބަންގްލަދޭޝްގައި ދިރިއުޅެމުންދާ ރޯހިންޏާ ދަރިކޮޅުގެ ރެފިއުޖީ ކުދިންތަކެއް/ފޮޓޯ: ބީބީސީ

ދެން އޮތީ ބަންގްލަދޭޝް ސަރުކާރުގެ ރެކޯޑްތަކުގައި، "ރޭޕް"ގެ ޝަރުއީ މާނަ ކުރުން އޮތް ގޮތުގެ މައްސަލައެވެ. ބަންގްލަދޭޝްގައި އެކުލަވާލި ޕްރިވެންޝަން އޮފް ވިމެން އެންޑް ޗިލްޑްރަން އޮޕްރެޝަން އެކްޓް 2000) ގައި ރޭޕް މާނަ ކޮށްފައި ވަނީ، އަންހެން މީހާއަށް އެނގުމަކާ ނުލާ، އަދި އޭނާގެ ނުރުހުމުގައި، ފިރިހެނާގެ ފިރިހެން ހަށި، އަންހެނާގެ ކުރިމަތިފަރާތުން އެތެރެ ކުރުމެވެ.

ޒަކަރިއްޔާ ބުނާ ގޮތުގައި، މިހާރު އޮތް ގޮތުން، ފިރިހެނުންނަށް އަމާޒުވާ ރޭޕްއާ، ކައިވެނީގެ ތެރޭގައި ކުރާ ރޭޕް، އަދި އެކިއެކި އަލާތްތައް ނުވަތަ އެހެން ގުނަވަންތައް ބޭނުންކޮށްގެން ހިންގާ ރޭޕްގެ ޖަރީމާއަކީ "ރޭޕް" ކަމަށް ބެލުމަށް ބަންގްލަދޭޝްގައި ފުރުސަތެއް ނެތެވެ.

ވަން ސްޓޮޕް ކްރައިސިސް ސެންޓަރުން ހަދާފައިވާ އިތުރު ދިރާސާއަކަށް ބަލާއިރު، ރިޕޯޓް ކުރާ ކޭސްތަކުގެ ތެރެއިން ކޯޓުން ހުކުމަކާ ހިސާބަށް ގޮސްފައި ވަނީ އެންމެ 3.56 ޕަސެންޓް ކޭސް ކަން ފާހަގަ ކުރަން ޖެހެއެވެ. 2001 އަހަރުން ފެށިގެން މިއަހަރުގެ މިހާ ހިސަބަށް ބަލާއިރު، ކުށް ސާބިތުވީ ނިސްބަތް އުޅެނީ އެންމެ 0.37 ޕަސެންޓްގައި ކަމަށްވެސް މި ރިޕޯޓް ބުނެއެވެ.

ބަންގްލަދޭޝްގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން މިހާރު ވަނީ ބަންގްލަދޭޝްގައި ރޭޕް ހުއްޓުވުމަށްޓަކައި ބައިނަލްއަގުވާމީ ސަމާލުކަން ހޯދުމަށް، އޮންލައިން ކެމްޕޭނެއް ފަށާފައެވެ.