މިއަހަރުގެ ތިން ވަނަ ކުއާޓާ (ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު) ގައި ގެވެށި އަނިޔާއާ ގުޅުންހުރި 242 މައްސަލަ ހުށަހަޅާފައިވާ ކަމަށް، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ)ގެ ތަފާސްހިސާބުން ދައްކައިފިއެވެ.

އެފްޕީއޭ އިން ބުނީ އެމުއްދަތުގައި އެއޮތޯރިޓީއަށް ސީދާ ހުށަހެޅުނު އަދި އެހެން މުއައްސަސާތަކުން ގެވެށި އަނިޔާގެ 179 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން، ބައެއް މައްސަލަތަކަކީ އެއް މުއައްސަސާއަށް ވުރެ ގިނަ މުއައްސަސާތަކުން ރިޕޯޓުކޮށް ހުށަހަޅާފައިވާ މައްސަލަތަކެއް ކަމަށް އެފްޕީއޭ އިން ވަނީ ބުނެފައެވެ.

ފުލުހުންގެ ފެމިލީ އެންޑް ޖެންޑާ އެފެއާޒް ޑިޕާޓްމަންޓުން އެފްޕީއޭއަށް 70 މައްސަލައެއް ހުށަހެޅިއިރު ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ވެސް 110 މައްސަލައެއް ހުށަހަޅާފަވެއެވެ. އަދި ސިއްހީ ހިދުމަތްދޭ ފަރާތްތަކުން އެއޮތޯރިޓީއަށް 6 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް އެފްޕީއޭ އިން ވަނީ ބުނެފައެވެ.

ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓުކުރި ރަށްތަކަށް ބަލާއިރު އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ މާލެއިންނެވެ. މާލެއިން އެކަނި ވެސް 126 މައްސަލަ ހުށަހެޅި އެވެ. އޭގެ ފަހުން ސ. އަތޮލުންނެވެ. އެއީ 16 މައްސަލައެވެ.

ތިން ވަނަ ކުއާޓާގައި ރިޕޯޓުކުރި މައްސަލަތަކުގެ ތެރޭގައި ހިމެނޭ އަނިޔާ ލިބުނު މީހުންނަށް ބަލާއިރު، އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އަންހެނުންނަށް އަނިޔާކުރުމުގެ މައްސަލަތަކެވެ. އެއީ 115 މައްސަލައެވެ. އަނިޔާ ލިބުނު ފިރިހެނުންގެ އަދަދު އުޅެނީ 35 ގައެވެ. އަނިޔާ ލިބުނު ކުޑަކުދިންގެ އަދަދަށް ބަލާއިރު 18 އަހަރުން ދަށުގެ 25 ފިރިހެން ކުދިންގެ މައްސަލަ އަދި 18 އަހަރުން ދަށުގެ 65 އަންހެން ކުދިންގެ މައްސަލަ ވަނީ ހުށަހަޅާފައެވެ.