ޕާކިސްތާނުގެ ހުޅަނގު އުތުރު ޕެޝާވަރުގައި ހިންގާ ދީނީ ތައުލީމު ދޭ މަދްރަސާއެއް ހިމެނޭ ސަރަހައްދުގައި ބާރުގަދަ ގޮވުމެއް ގޮވާ، 7 މީހުން މަރުވެ، 70 ކުއްޖަކަށް އެކި ވަރުގެ ޒަހަމްތައް ލިބިއްޖެއެވެ.

ޕެޝާވަރުގެ ދީރު ކޮލޮނީގެ މަދްރަސާއެއްގައި ބާރުގަދަ ގޮވުމެއް ގޮވައިގެން ހިނގި މި ހަދިސާގައި މަރުވި މީހުންގެ ތެރޭގައި ދީން އުނގަންނައި ދިނުމުގައި ހަރަކާތްތެރިވާ މޯލާވީންގެ އިތުރުން ދަރިވަރުންވެސް ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.

ހާދިސާ ހިނގި ވަގުތަކީ މަދްރަސާގައި ކުލާސްތަކެއް ކުރިއަށް ދިޔަ ވަގުތެކެވެ.

މި ހާދިސާގައި ޒަހަމްވީ ދަރިވަރުން، ލޭޑީ ރެޑިންގް ހޮސްޕިޓަލާއި އަދިވެސް އިތުރު މެޑިކަލް ފެސިލިޓީއަކަށް ބަދަލު ކޮށްފައި ވާ ކަމަށާ، ބައެއް ދަރިވަރުން މިހާރުވެސް އޮތީ ކުރިޓިކަލް ހާލެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

މީޑިއާގައި ނަން ހާމަ ނުކުރުމަށް އެދި ވާހަކަ ދެއްކެވި ފުލުސް އޮފިސަރަކު ވިދާޅުވީ، ގޮވުން ގޮވާފައިވަނީ މަދްރަސާ ތެރޭގައި ކަމަށާ، ގޮވާފައި ވަނީ، ގޮތް ނޭނގޭ ބަޔަކު ބޭއްވި، ޕްލާސްޓިކް ކޮތަޅެއް/ދަބަހެއް ކަމަށެވެ.

މިއީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވަމުން ކުރެއްވި ޓްވީޓެއްގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ މި ހާދިސާގައި ފުރާނަ ގެއްލިދިޔަ މީހުންނާއި ކުދިންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާފައެވެ. އަދި ޒަހަމްވީ ދަރިވަރުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މި "ގޮތްކުޑަ" އަމަލު ހިންގި ޓެރަރިސްޓުން އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށް، ޒިންމާދާރު ކުރުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށްވެސް އިމްރާންގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.