ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރުކަމުގެ މަގާމަށް ހަތަރު ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

އެ ގޮތުން އެންއައިސީގެ މެންބަރުކަމުގެ މަގާމަށް އައްޔަން ކުރެއްވި ހަތަރު ބޭފުޅުންނަކީ، ފާދިއްޕޮޅު ނައިފަރު، ނިކަގަސްދަށުގެ ގާސިމް އަބްދުލްކަރީމާއި މާފަންނު ޕިސްތާގެ އާމިނަތު ޝާދިޔާއާއި ގަލޮޅު ދޫރެސްވިލާ އާޝިޔަތު ޝިއުނާ އަދި ދަފްތަރު. ނަންބަރު ރސ 1188 ޝުއައިބު އަބްދުއް ރަހުމާނެވެ.

މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި އެ ރަސްމިއްޔާތެއްގައި އެންއައިސީގެ މެންބަރުކަމަށް އައްޔަންކުރި ކަމުގެ ލިޔުން، ރައީސް ވަނީ ހަވާލުކުރައްވާފައެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެންއައިސީގައި ތިބި މެންބަރުންގެ ތެރެއިން ތިން މެންބަރުން ކަމަށްވާ ކޮމިޝަނުގެ ނައިބު ރައީސް ހައްސާން ހަމީދާއި ކޮމިޝަނު މެންބަރުން އަހްމަދު އަމީން އަދި ހަދީޖާ އަބްދުﷲ ވަނީ މިދިޔަ ޖުލައި މަހުގެ 9 ވަނަ ދުވަހު ކޮމިޝަނުން އިސްތިއުފާ ދެއްވާފައެވެ.

އެންއައިސީއަކީ ކަސްޓްމްސް އާއި ފުލުހުންނާއި ކަރެކްޝަންސްގެ އިތުރުން އިމިގްރޭޝަންގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ތަހުގީގު ކުރުމަށާއި އެފަދަ ކަމަކަށް ތުހުމަތުކުރެވި މައްސަލައެއް ހުށަހަޅައިފިނަމަ އެ ކަން ތަހުގީގު ކުރަން އުފައްދާފައިވާ ކޮމިޝަނެކެވެ.