ދިވެހިރާއްޖޭގައި ޑިމޮކްރަޓިކް ބަހާއާއި މަދަނީ ޖަމިއްޔާތައް ކުރިއެރުއްވުމުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހާއި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކުރައްވަމުން ގެންދަވަނީ ބިނާކުރަނިވި، ހަރަކާތްތެރި ދައުރެއް ކަމަށް އެމެރިކާއިން ސިފަކޮށްފިއެވެ.

އެމެރިކާގެ ވަޒީރުންގެ މަޖިލީހުގެ މަތީ ފެންވަރުގެ ވަފުދެއް، އޭޝިއާގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، އެމެރިކާގެ ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ ފޮ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް، ޑީން ތޮމްސަން ވިދާޅުވީ، ރައީސް ސޯލިހާއި ހާރިޖީ ވަޒީރު ޝާހިދަކީ، ދިވެހިރާއްޖޭގައި ޑިމޮކްރަޓިކް ބަހާއާއި މަދަނީ ޖަމިއްޔާތައް ކުރިއެރުއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވާ ދެ ބޭފުޅުން ކަމަށާ، ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމުގެ ބައިވެރިއެއްގެ ގޮތުގައި އެމެރިކާއަށް އޮވެވުނު ކަމާ މެދު އެގައުމުން ފަޚްރުވެރިވާ ކަމަށެވެ.

އިންޑިއާގައި ކުރިއަށް ގެންދަވާ 2+2 ބައްދަލުވުން ނިންމަވާލެއްވުމަށްފަހު، އެމެރިކާގެ ވަފުދު ދަތުރުކުރާނީ ސްރީލަންކާއަށެވެ. ސްރީލަންކާގައި ކުރިއަށް ގެންދާ މަޝްވަރާތަކަށްފަހު، އެމެރިކާގެ ހާރިހީ ވަޒީރު މައިކަލް ޕޮމްޕޭއޯ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ، މިމަހުގެ 28 ވަނަ ދުވަހުއެވެ.

ޕޮމްޕޭއޯގެ މި ދަތުރުގައި ރައީސް ސޯލިހާއި، ހާރިޖީ ވަޒީރު ޝާހިދުއާވެސް ބައްދަލު ކުރައްވާނެއެވެ.

ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ގުޅުން ގާއިމުކުރިޔާ ބައިގަރުނަށްވުރެ ގިނަ ދުވަސްވެފައި ވާއިރު، މި ގުޅުމަކީ އެމެރިކާއިން ފަހްރުވެރިވާ ގުޅުމެއް ކަމަށް ޑީން ތޮމްސަން ވަނީ ވިދާޅުވެފައެވެ. އެގޮތުން ސަރަހައްދީ ސަލަމަތާއި، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ރާއްޖެއާއިއެކު ދެމެހެއްޓޭ ގުޅުމާ މެދު އެމެރިކާއިން ފަހްރުވެރިވާ ކަމަށާ، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އިތުރު ފުރުސަތުތަކަށް އެމެރިކާއިން އިންތިޒާރު ކުރާ ކަމަށްވެސް ޑީން ތޮމްސަން ވަނީ ވިދާޅުވެފައެވެ.

އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ރާއްޖެއަށް ކުރައްވާ ދަތުރުގައި، ދޭދޭ ގުޅުމަށް އިތުރު ބަދަހިވެގެންދާނެ ކަމެއް، ޕޮމްޕޭއޯ އިއުލާން ކުރައްވާނެ ކަމަށްވެސް އެމެރިކާގެ އޮފިޝަލު ވަނީ ހާމަ ކުރައްވާފައެވެ.

ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ މަގާމު ދެމެހެއްޓުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ އެމެރިކާއާއި ދެކުނު އޭޝިއާގެ ސުޕާޕަވަރުގެ މަގާމު ކަށަވަރު ކުރުމަށް ފައިވިއްދައިގެން އޮތް އިންޑިއާއާއި ދެމެދު އިސް ވަޒީރުންގެ ފެންވަރުގެ މުހިންމު ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުމަށް މި 2 ގައުމުންވެސް މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މައިކަލް ޕޮމްޕޭއޯ އާއި ދިފާއި ވަޒީރު ޑރ މައިކް ޓީ އެސްޕާއާއި، އިންޑިއާގެ ހާރިޖީ ވަޒީރު އެސް ޖައިޝަންކަރާއި ދިފާއީ ވަޒީރު ރާޖުނާތު ސިންހާ ދެމެދު، މިމަޝްވަރާތައް ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފައި ވަނީ މިމަހުގެ 26 އަދި 27 ވަނަ ދުވަހަށެވެ. މި ބައްދަލުވުންތަކަށް ރިއާޔަތް ކުރަނީ 2+2 މިޓީންގްގެ ގޮތުގައެވެ.