އެ ބަލިން ދިފާއުވާނެ ވެކްސިނެއް ނެތްތާ، މިހާތަނަށް ފަރުވާއެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގައި އެނދުމަތި ކުރަންޖެހުމުގައި ހުރި ބިރުވެރިކަމާ ހިތްދަތިކަން އިހުސާސް ވާނީ އެފަދަ ކަމެއް ތަޖުރިބާކުރި މީހަކަށެވެ. އާއިލާ މީހެއްގެ އިތުރުން ރައްޓެއްސަކަށްވެސް ޒިޔާރަތް ނުކުރެވޭ އިރު، ޑޮކްޓަރުންނާއި ނަރުހުންވެސް އަންނަނީ ހަށިރައްކަލަކަށް މުޅި ހަށިގަނޑު ނިވާކޮށްގެންނެވެ. ހުންނަނީވެސް ދުރުގައެވެ.

މި ހާލަތުގައި ތިބި ޕޭޝަންޓުންނަށް ފަރުވާ ދެމުންދާ ޑރ އަރޫޕް ސެނަޕަތީ ކުއްލިއަކަށް ނަށަން ފަށައެވެ. މި ދައްކަނީ މިހާރު ސޯޝަލް މީޑިއާގައި ވައިރަލް ވަމުންދާ ވީޑީއޯއެއްގެ ވާހަކައެވެ. ކޮވިޑް-19ގެ ބައްޔަށް ފަރުވާ ހޯދަމުންދާ ޕޭޝަންޓުންތަކެއްގެ ކުރިމަތީގައި ޑރ ސެނަޕަތީ ނަށާ މަންޒަރު ފެންނަ ވީޑީއޯގެ ވާހަކައެވެ.

އަވަށްޓެރި އިންޑިއާގެ އައްސާމް ސްޓޭޓްގެ ސިލްޗާރު މެޑިކަލް ކޮލެޖުގައި ކަރުންމަތީގެ ސާޖަންއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޑރ ސެނަޕަތީ، ޕީޕީއީ ކިޓުގައި ހުރެގެން ނަށަމުން ދިޔައީ ކީއްވެކަން އެނގޭ ހެއްޔެވެ؟

ގިނަ ޑޮކްޓަރުންނަކީ ޕޭޝަންޓުންގެ ހިތުން ހާއްސަ މަގާމެއް ދެވޭ ބަޔަކަށް ވަނީ ޑރ ސެނަޕަތީ ފަދަ ޑޮކްޓަރުންނާ ހެދިއެވެ. ޕޭޝަންޓުންނަށްޓަކައި މިހާރުވެސް ބޮޑު ގުރުބާނީއެއް ވަމުންދާ ޑޮކްޓަރުންނަކީ، ޕޭޝަންޓުންގެ އުފަލަށްޓަކައި ހަމަ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ ބައެއްކަން ޑރ ސެނަޕަތީ ކިތަންމެ ރަނގަޅަކަށްވެސް ސާބިތު ކޮށްދީފިއެވެ.

އާނއެކެވެ. އިންތިހާއަށް ހޫނުވާ ޕީޕީއީ ކިޓުގައި ހުރެ، ބޮލީވުޑްގެ ލަވައަކަށް ޑރ ސެނަޕަތީ ނަށަމުންދިޔައީ ކޮވިޑް-19ގެ ޕޭޝަންޓުންތަކެއްގެ ކުރިމަތީގައެވެ. މަޝްހޫރު ބަތޮލް – ރިތިކް ރޯޝަންއާއި ޕޮޕްލަވައިގެ ރަސްގެފާނު ނުވަތަ މައިކަލް ޖެކްސަންއަށް ހާއްސަ ސްޓެޕްތައް ޖައްސަމުން އެދިޔައީ، ކަނޑައެޅިގެން ވަކި ފަރުވާއެއް ލިބިފައި ނެތްތާ، އެމީހުންގެ ހިތްތަކަށް އުފާވެރިކަމެއް ހޯދާ ދެވޭތޯއެވެ. މިމަންޒަރުތައް ސޯޝަލް މީޑިއާއަށް ދޫކޮށްލީ، އޭރު އޭނާ ޝިފްޓް ހިއްސާކުރަމުންދިޔަ ޑރ ފައިޒާން އަހުމަދެވެ.

މި ވީޑިއޯއަކީ، މެދުކެނޑުމެއްނެތި 7 ދުވަސް ވަންދެން ކޮވިޑް-19 ވޯޑުގައި މަސައްކަތް ކުރުމަށްފަހު ކަރަންޓީނަށް ދިއުމުގެ ކުރިން ޑރ ސެނަޕަތީއާއި ޑރ ފައިޒާން ދިން ހަދިޔާއެކެވެ.

ޑރ ފައިޒާން ކުރި ޕޯސްޓަށް މިހާރުވެސް 5 މިލިއަނަށްވުރެ ގިނަ ވިއުޒް ވަނީ ލިބިފައެވެ. މިއަދު އޭނާއަކީ ޓުވިޓާ އަހުލުވެރިންގެ ކުރިމަތީގައިވެސް ބަތޮލެކެވެ. ބޮލީވުޑްގެވެސް ތަރިންގެ ކުރިމަތީގައިވެސް ވަރުގަދަ ޝަހްސެކެވެ.