ކުޑަކުދިންނަށް ލާއިންސާނީ އަނިޔާ ދިނުމާއި އެކަމާ ގުޅުން ހުރި ތަކެތި ގެންގުޅޭ ކަމުގެ ކުށުގައި އޮސްޓްރޭލިއާގެ އެކި ހިސާބުތަކުން 44 ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

އޮސްޓްރޭލިއާގެ ފެޑަރަލް ފުލުހުން (އޭއެފްޕީ) އިން ހާމަ ކުރި ގޮތުގައި، އަނިޔާ ލިބެމުންދިޔަ 16 ކުއްޖެއް މިހާރު ވަނީ، ކަމާބެހޭ ފަރާތްތަކުގެ ހިމާޔަތުގެ ދަށަށް ގެންގޮސްފައެވެ.

ކުޑަކުދިންނަށް ލާއިންސާނީ އަނިޔާ ދޭ މައްސަލާގައި 44 މީހަކު ހައްޔަރު ކޮށްފައިވަނީ، އޮންލައިން ޕްލެޓްފޯމްގައި ހިއްސާކޮށްފައިވާ މަންޒަރުތަކެއް ބަލައިގެން އަހަރެއްހާ ދުވަހަށް ހިންގި ތަހުގީގުތަކަކަށް ފަހުގައެވެ.

ހައްޔަރުކުރި މީހުންނަކީ އުމުރުން 19 އަހަރާއި 57 އަހަރާއި ދެމެދުގެ މީހުން ކަމަށް ވާއިރު، އޮސްޓްރޭލިއާގެ ހުރިހާ ސްޓޭޓެއްގެ މީހުން މީގެ ތެރޭގައި ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

މި ހުރިހާ އެންމެންނާ ދެކޮޅަށް އޮސްޓްރޭލިއާގެ ފުލުހުން ވަނީ، ޖުމުލަ 350 ދައުވާއެއް އުފުލާފައެވެ.

ކުޑަކުދިންނަށް ލާއިންސާނީ އަނިޔާ ކުރުމަށްފަހު، އެ މަންޒަރުތައް އަޕްލޯޑް ކުރުމަށް މި ގުރޫޕުގެ މެދުގައި ކްލައިޑް ސްޓޯރޭޖު ޕްލެޓްފޯމެއް ގެންގުޅުނު ކަމަށް މައުލޫމާތު ލިބެއެވެ.

ޕޮލީސް ކޮމިޝަނަރު ރީސް ކާޝޯ ވިދާޅުވީ، އަނިޔާ ލެބެމުންދިޔަ ކުދިންތައް ސަލާމަތް ކުރުމަށް ހިންގި އޮޕަރޭޝަނަކީ، ވަގުތާ ދެކޮޅަށް ކުރި ހަނގުރާމައެއް ކަމަށެވެ. ތަހުގީގު ޓީމުތަކުން މަންޒަރުތައް ބަލަމުންދިޔަ ޕިކްސަލް އަކަށް ފަހު ޕިކްސަލްއެއްވެސް ދޫނުވާހާ ތަފްސީލު ކޮށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި އޮޕަރޭޝަންގައި އެތައް ސަތޭކަ ފުލުހުންނަކާ ސްޕެޝަލިސްޓުން ބައިވެރިވިއެވެ.

ކުޑަކުދިންނަށް ލާއިންސާނީ އަނިޔާ ދިނުމުގެ މައްސަލާގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ އުމްރާނީ ބިނާވެށީގެ ސިނާއަތާއި، ދަތުރުފަތުރުގެ ނިޒާމާއި، ތަންފީޒީ ބާރުތަކާ، މެހެމާންދާރީގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންނެވެ.

އަނިޔާ ލިބެމުންދިޔަ 134 ކުއްޖެއް، މިއަހަރުގެ މިހާތަނަށް އޮސްޓްރޭލިއާއިން ސަލާމަތް ކޮށްފައިވެއެވެ.