ހދ. ކުޅުދުއްފުށީގައި މިހާރު މާސްކު އެޅުމަކީ އިހްތިޔާރީ ކަމެއް ނޫން ކަމަށާއި މާސްކު އެޅުމަކީ މަޖުބޫރު ކަމެއް ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފިއެވެ.
ކުޅުދުއްފުށީ ކައުންސިލުން ވަނީ މާސްކު އެޅުމުގައި ސަމާލުކަން ދޭންވީ ކަންކަން ފާހަގަކޮށްފައެވެ. އެގޮތުން މާސްކު އަޅާއިރު ސަމާލުކަން ދޭންވީ ކަންތައްތަކުގެ ތެރޭގައި ދަތްދޮޅި އަދި ނިއްކުރީގައި މާސްކް ނޭޅުމާއި ދުވަހު އެންމެ މާސްކެއް ބޭނުން ނުކުރުމާއި ކުޅު ހޭކިފައިވާ މާސްކެއްނަމަ އެ މާސްކް އަލުން ބޭނުން ނުކުރުން ހިމެނެއެވެ. އަދި އަތް ހަޑިވެފައި ހުރެދާނެތީ މާސްކްގައި އަތް ނުލުމާއި ޖަނަވާރާއި އެއެއްޗެހި ކާންދޭ ތަކެތި އަދި އޭގެ ނަޖިހުގައި އަތް ލުމަށްފަހު އަތް ނުލުން ހިމެނެއެވެ.
ކުޅުދުއްފުށީ ކައުންސިލުން ވަނީ ގިނަގިނައިން ފެނާއި ސައިބޯނިން އަތް ދޮންނަން އާދަކުރުމަށް ގޮވާލާފައެވެ.
ކުޅުދުއްފުށި މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތްއިރު، އެ ރަށުގައި މިވަގުތު ޕޮޒިޓިވްވެފައިވާ 11 މީހުން އެބަތިއްބެވެ. އެއީ، ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ދެނެގަތް 8 މީހަކާއި، ރެންޑަމް ސާމްޕަލަކުން ޕޮޒިޓިވްވި 2 މީހެއްގެ އިތުރުން އަލާމާތްތައް ފެނިގެން ޓެސްޓުކޮސްގެން ޕޮޒިޓިވްވި މީހެކެވެ.
ކޮވިޑް-19ގެ ގުޅުން ނެތް ޕޮޒިޓިވް ކޭސްތަަކެއް ކުޅުދުއްފުށިން ފެންނަމުން ދަނީ އެރަށުގައި ލޯކަލް ޓްރާންސްމިޝަނެއް ހިނގަމުންދާތީ ކަމަށް އެޗްއީއޯސީ އިން ވަނީ ބުނެފައެވެ