ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ކުރިމަތިވާ އުނދަގޫތައް ދުރުކޮށް ދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވާފިއެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވަނީ، ކެންސަރު ބައްޔާއި އަދި އެ ނޫން ވެސް އެ ފަދަ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ބޭނުންވާ ބޭސްފަރުވާގެ ކަންކަމަށް މިހާރަށްވުރެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާ ގުޅޭގޮތުން ބައްދަލުކުރެއްވުމުގެ ބައިވެރިންނާއެކު މަޝްވަރާކުރައްވާފައެވެ. އަދި ފަރުވާ ހޯދުމުގައި ބަލިމީހުންނަށް މިހާރު ކުރިމަތިވާ ދަތިތައް ހައްލުކުރުމުގައި ކަމާގުޅޭ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެދިފައެވެ.

އެ ބައްދަލުކުރެއްވުމުގައި ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ވަނީ ކެންސަރު ބައްޔަށް ފަރުވާހޯދާ މީހުންނަށް ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުންނާއި، އެ ބައްޔާމެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެ ޖަމުއިއްޔާއިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ. އަދި ސިއްހީ ދާއިރާގެ އިސްވެރިން ވަނީ ކެންސަރު ބަލީގެ ފަރުވާގެ ކަންކަމާ ގުޅޭގޮތުން އެފަރާތްތައް ތަމްސީލުކުރާ އިދާރާތަކުން ކުރަމުންގެންދާ މަސައްކަތްތަކާއި، އަދި މިހާރު ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ.

އެ ބައްދަލުކުރެއްވުމުގައި، ނައީބް ރައީސް ވަނީ ކެންސަރު ބައްޔާމެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި، ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނަށް ކެންސަރު ސޮސައިޓީން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވައި އެ ޖަމުއިއްޔާގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި މާލެ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތަކުގެ އިސްވެރިންނާއި، ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންގެ އިތުރުން ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑޮކްޓާ މުސްތަފާ ލުތުފީއާއި، ރައީސް އޮފީހުގެ މިނިސްޓާ އަހުމަދު ސަމީރު ބައިވެރިވެ ވަޑައިގެންނެވިއެވެ.