ހެލްތު މިނިސްޓަރުގެ މަގާމަށް އަހުމަދު ނަސީމް (ކެރަފާ ނަސީމް) ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަނު ކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހެލްތު މިނިސްޓަރު މަގާމަށް، ހެންވޭރު ހިކިފިނިފެންމާގެ، އަހުމަދު ނަސީމް (ކެރަފަ ނަސީމް) އިސްކުރައްވައި، މަގާމުގެ ފަތްކޮޅު މިއަދު ދެއްވާފައިވާ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކެރަފާ ނަސީމް ވަނީ ފޮރިން މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ.

ހެލްތު މިނިސްޓަރުގެ މަގާގުން ހުސްވެފައިވަނީ އެމަގާމުގައި ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަމީން އިސްތިއުވާ ދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުން އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަަޖިލީހަށް ވައްދާފައިވަނިކޮށެވެ.

އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ އިސްތިއުފާ ކޮވިޑާ ގުޅިގެން ވެންޓިލޭޓަރުތައް ގަތުމުގައި މަކަރާއި ހީލަތް ހަދައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތަހުމަތުވާ މައްސަލައިގައެވެ.