ނޮވެމްބަރު މަހު އެމެރިކާގައި ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފައިވާ ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައި ވާ މީހުންގެ ތެރެއިން، އިދިކޮޅު ޑިމޮކްރަޓުންނަށް ނިސްބަތްވާ ވޯޓަރުންނަށް އަމާޒުކޮށްގެން އިންޒާރު ދެނެވި އީ-މެއިލްތަކެއް ފޮނުވުމުގެ ފަހަތުގައި އޮތީ، އެމެރިކާގެ ޒަމާންވީ އަދުއްވުގެ ގޮތުގައި ސިފަކުރަމުން އަންނަ އީރާން ކަމަށް، އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ނޭޝަނަލް އިންޓެލިޖެންސް ޑައިރެކްޓާ ޖޯން ރެޓްކްލިފް ވިދާޅުވީ، ރައީސް ޑޮނާލްޑް ޓްރަމްޕަށް ތާއީދު އޮންނަ ޖަމާއަތަކުން ފޮނުވިކަމަށް ސިފަވާ ގޮތަށް ފަރުމާ ކޮށްފައިވާ މި އީ-މެއިލްއަކީ ހަމަނުޖެހުން އުފެއްދުމުގެ ނިޔަތުގައި ފޮނުވާފައިވާ އީ-މެއިލްތަކެއް ކަމަށެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ވައިޓްހައުސް ބެލްކަންޏަށް އަރާވަޑައިގެން މާސްކު ނަންގަވަނީ / ފޮޓޯ: ދަ ކްރޮނިކަލް

އިންތިހާބަށް އެންމެ 12 ވަރަކަށް ދުވަހަށް ވެފައި ވަނިކޮށް ޖާސޫސީ އޮފިޝަލު މިފަދަ ރޫހެއްގައި ވާހަކަދެއްކެވުމަކީ، އެމެރިކާގެ އިންތިހާބަށް ހާރިޖީ ބާރުތަކުން ނުފޫޒު ފޯރުވާ ކަމަށް އެމެރިކާގެ އަދުގެ ސަރުކާރުން ކުރަމުންދާ ދައުވާއަށް ބާރުދެނިވި ހެއްކެއްގެ ގޮތުގައި ދަނީ ސިފަކުރަމުންނެވެ.

އެމެރިކާގެ ތަހުގީގީ އިދާރާ (އެފްބީއައި) ގެ ޑައިރެކްޓާ ކްރިސްޓަފާ ވްރޭ ވިދާޅުވީ، އެމެރިކާގެ އިންތިހާބީ ނިޒާމަކީ އަދިވެސް ރައްކާތެރި ނިޒާމެއް ކަމަށާ، މި ނިޒާމަކީ ހުރިހާ ކަމަކަށްވެސް އަހުލުވެރި ނިޒާމެއް ކަމަށެވެ.

މިހާތަނަށް ބެލި ބެލުމުން، އެމެރިކާގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ދަފުތަރުގައި ވާ މައުލޫމާތުން ބައެއް، އީރާނާއި ރަޝިއާއަށް ލިބިފައި ވާ ކަން ހާމަވެފައި ވާ ކަމަށްވެސް ރެޓްކްލިފް ވަނީ ވިދާޅުވެފައެވެ. އީ-މެއިލްތައް ފޮނުވީ އީރާނުން ކަމަށް ވިދާޅުވިއިރު، ރަޝިއާއިން މިފަދަ ކަމެއް ފާހަގަ ނުވާ ކަން ވެސް ރެޓްކްލިފް ވަނީ ފާހަގަކުރައްވާފައެވެ.

އިދިކޮޅު ޑިމޮކްރަޓިކް ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން/ފޮޓޯ: ގެޓީއިމޭޖަޒް

ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އެމެރިކާގައި ކުރިއަށް ގެންދާ ރިޔާސީ އިންތިހާބުގައި، ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރު ކުރެއްވުމަށް ފައިވިއްދަވައިގެން ހުންނެވި ޑޮނާލްޑް ޓްރަމްޕާ ދެކޮޅަށް އިދިކޮޅު ޑިމޮކްރަޓުންގެ ފަރާތުން ނިކުންނަވަނީ ކުރިގެ ނައިބު ރައީސް ޖޯ ބައިޑަންއެވެ.