ހުޅުމާލޭގައި ޕްލާސްޓިކް ކުނި އުކާލުމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ޕާލޭ މޯލްޑިވްސްއާ ގުޅިގެން ތިން ސަރަހައްދެއްގައި 3 ޑަސްބިނެއް ބަހައްޓައިފިއެވެ.
އެޗްޑީސީން ބުނީ، ހުޅުމާލޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި އެ ކޯޕަރޭޝަނުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ރާވައި ހިންގަމުން ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ޕްލާސްޓިކް ބޭނުން ކުރެވޭ މިންވަރު މަދުކުރުމަށާއި އާއްމުން ހޭލުންތެރި ކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމުގެ މަގްސަދުގައި ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޕާލޭ މޯލްޑިވްސް އާއެކު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ވަނީ ސޮއިކޮށްފައި ކަމަށް އެޗްޑީސީން ބުނެއެވެ.
އެ ފަހުމުނާމާގެ ދަށުން ހިންގޭ ފުރަތަމަ ހަރަކާތެއްގެ ގޮތުގައި އެއްފަހަރު ބޭނުންކޮށްފައި އުކައިލެވޭ ޕްލާސްޓިކް ކުނި އުކައިލުމަށް ހާއްސަ 3 ޑަސްބިނެއް ހުޅުމާލޭގެ 3 ސަރަހައްދެއްގައި މިއަދު ވަނީ ބަހައްޓައިފައި ކަމަށް އެޗްޑީސީން ބުނެއެވެ. އެ ޑަސްބިންތައް ބެހެއްޓިފައިވާ ސަރަޙައްދުތަކަކީ، ހުޅުމާލެ ނެއިބަހުޑް 1 ގެ "ކިކްސް ކެފޭ" ކުރިމަތި، ނެއިބަހުޑް 2 ގެ "ސްޕައިސް ކެފޭ" ކުރިމަތި އަދި ނެއިބަހުޑް 3 ގެ "ރިވެތި ބީޗް ގެސްޓްހައުސް" ކުރިމަތީގައެވެ.
މި ކަމަށް މިއަދު ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވަނީ، ހުޅުމާލެ ސާފުތާހިރުކޮށް ބޭއްވުމަށް ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާ އަދާކުރެއްވުމަށާއި އަދި ހާއްސަކޮށް ގޮނޑުދޮށް ސަރަހައްދު ބޭނުން ކުރާއިރު އެއް ފަހަރު ބޭނުންކޮށްފައި އުކައިލެވޭ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އެފަދަ ތަކެތި ބޭނުން ކުރުމަށްފަހު ގޮނޑުދޮށަށް އުކާލުމުގެ ބަދަލުގައި އެ ސަރަހައްދުތަކުގައި ބެހެއްޓިފައިވާ ޑަސްބިންތައް ބޭނުން ކުރުމަށް ވެސް ސުހައިލް ވިދާޅުވިއެވެ.