ދިރާގުން އެ ކުންފުނިން ކުރިއަށް ގެންދާ ދިރާގު ޓީވީގެ ޕްރޮމޯޝަން ޑިސެމްބަރު 31، 2020 ގެ ނިޔަލަށް އިތުރު ކޮށްފިއެވެ.

އެގޮތުން މިހާރު ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހުރިހާ ޗެނަލެއް އެންމެ 450 ރުފިޔާ އަށް ލިބިގެންދާނެ ކަމަށް ދިރާގުން ވަނީބުނެފައެވެ. އެހެންކަމުން މިއީ ކަސްޓަމަރުންނަށް އެންމެ ފަހުގެ ފިލްމުތަކާ، ޑްރާމާ ތަކާއި، މުނިފޫހިފިލުވުމުގެ އެކި އެކި ޕްރޮގުރާމްތައް 100 އަށްވުރެ ގިނަ ޗެނަލުން ހެޔޮ އަގެއްގައި ބަލާލުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ ދިރާގު ޓީވީގައި މިހާރު ދިވެހިންގެ މެދުގައި އެންމެ މަޝްހޫރު ޓީވީ ޗެނަލްތައް ކަމަށްވާ ސްޓާ ގެ ޗެނަލްތަކާއި މުޅިން އާ ޒީ ގެ ޗެނަލްތައްވެސް ލިބޭނެ ކަމަށެވެ. 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އަދި އެންމެ ފުރަތަމަ އެޗްޑީ ކޮލިޓީގައި ޓީވީ ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ފޯރުކޮށްދޭ ޑިޖިޓަލް ޓީވީގެ ހިދުމަތް ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 73 ޕަސަންޓު ގޭބިސީއަށް މިހާރު ދިރާގު ޓީވީގެ ހިދުމަތް ފޯރުކޮށްދީފައިއެވެ. އޭގެ ތެރޭގައި 54 ރަށް ހިމެނޭ އިރު، ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ނެތް ރަށްތަކަށްވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ދިރާގު ޓީވީ ފޯރުކޮށްދީފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ދިރާގުން ބުނީ އެކުންފުނިން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީ އިން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދޭން ކަމަށެވެ.