ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތް މ. މުލީގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީގެ ހުރިހާ ޗެނަލަކާއި އޮން-ޑިމާންޑްގެ ކޮންޓެންޓް ތައް އަގާއި ކޮލިޓީގެ އެއްވެސް ތަފާތެއްނެތި މިހާރު މުލީގެ ރައްޔިތުންނަށް ބަލާލެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގު ސީނިއާ މެނޭޖާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ވީހާވެސް ގިނަ ރަށްތަކަށް ދިރާގު ޓީވީގެ ހިދުމަތް ފުޅާކޮށް، ވީހާވެސް ގިނަ ކަސްޓަމަރުންނަށް ދިރާގު ޓީވީ މެދުވެރިކޮށް ހައި ކޮލިޓީގެ މުނިފޫހިފިލުވުމުގެ ޕްރޮގުރާމްތަށް ބަލާލުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. އަދި ޗެނަލްތައް އިތުރުކޮށް، ކަސްޓަމަރުންނަށް އިތުބާރު ހިފޭ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ.

ދިރާގުން ބުނީ ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ރާއްޖޭގެ 73 ޕަސަންޓް ގޭބިސީއަށް މިހާރު ދިރާގުޓީވީ ހިދުމަތް ފޯރުކޮށްދީފައިވާކަމަށެވެ.

އޭގެ ތެރޭގައި 54 ރަށް ހިމެނޭ އިރު، ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ނެތް ރަށްތަކަށް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ދިރާގު ޓީވީގެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ދިރާގުން ވަނީ ބުނެފައެވެ. އަދި ދިރާގު ޓީވީގެ ކޮންޓެންޓް ޓީވީ، ސްމާޓްފޯން އަދި ޓެބްލެޓް ދަކުން ވެސް ބަލާލެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމެވެ. އެގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.