ޒަމާނީ ޓެކްނޮލޮޖީގެ ވާހަކަދައްކާއިރު، ޖަޕާނަށް ދުވަހަކުވެސް ގޮތެއް ހުހެއް ނުވާނޭ ދެންނެވިދާނެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ބަހާރު މޫސުމުގެ ދުވަސްވަރު، ފުރަތަމަ އީޖާދު ދައްކާ ލުމަށްފަހު، ޖަޕާނުގެ ޔުނިވާސިޓީ އޮފް ޓޯކިޔޯ އިން މިވަނީ، އެންމެ ޒަމާނީ ސައިކަލު "ޕޮއިމޯ" ތައާރަފުކޮށްފައެވެ.

"ޕޮއިމޯ" – ނުވަތަ ޕޯޓަބަލް އެންޑް އިންފްލޭޓަބަލް މޮބިލިޓީ ސައިކަލަކީ، ވައިޖަހައިގެން ފަސޭހަ ކަމާއެކު ފުއްޕާލެވޭ ގޮތަށް ފަރުމާކޮށްފައިވާ އިލެކްޓްރިކް ސްކޫޓަރެކެވެ. މިއީ އެއްތަނުން އަނެއް ތަނަށް ފަސޭހައިން ދަތުރުކޮށް، އެކި ބޭނުންތަކަށް ހާއްސަ ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ސައިކަލެކެވެ.

ރިސާޗް އެންޑް ޑިވަލޮޕްމަންޓްގެ ރޮނގުން އިންގިލާބީ މަސައްކަތްތަކެއް ކުރަމުން އަންނަ މެރްކާރީ ކުންފުންޏާ ގުޅިގެން ޓޯކިޔޯ ޔުނިވާސިޓީއިން އުފައްދާފައިވާ ޕޮއިމޯ ސައިކަލުގެ އަމާޒަކީ، ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ދަތުރުފަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އަދި އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގައި ގެންގުޅޭ ސަވާރީއަކީވެސް، ފަސޭހައިން އުފުލާ ހެދޭ އެއްޗެއްކަން ކަށަވަރު ކުރުމެވެ.

މި ޓީމުން ދަނީ ދަބަހެއްހެން ކޮނޑުގައި އުފުލާ ހެދޭ އުޅަނދުތައްވެސް ފަރުމާ ކުރަމުންނެވެ.

ޕޮއިމޯގެ އެންމެ ހާއްސަ ކަމަކީ، ޖާގައިގެ ދަތިކަމަށް ހައްލު ލިބުމެވެ. އަދި އެމީހެއްގެ ހަށިގަނޑާ އެންމެ އެކަށޭނަ މިންވަރަކަށް ސައިކަލު ފަރުމާކޮށްލެވޭ ކަމެވެ. ދުއްވަން އިންނަން ފަސޭހަވާނެ ގޮތަކަށްވެސް ސައިކަލު ފަރުމާ ކުރެވެއެވެ. ވައިޖަހައިގެން ފުއްޕާ އެކި ބައިތަކުން ފުރިހަމަ ސައިކަލެއް ހަދާލެވެއެވެ.

މި ސައިކަލު ރަސްމީކޮށް ތައާރަފު ކުރަން ހަމަޖެހިފައި ވަނީ އެމެރިކާގައި އޮންނަ އޮންލައިން ކޮންފަރެންސްއެއްގައެވެ.