ތަހުގީގުތައް ހިންގަނީ ގާނޫނާ އެއްގޮތަށް ތޯ އަދި ދައުވާ ކުރެވޭ ގޮތަށް ތޯ ޔަގީން ކުރެއްވުމަކީ ޕީޖީގެ ގާނޫނީ ޒިންމާއެއް ކަމަށް ތ. ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާނު ކުރެއްވި ޓްވީޓެއްގައި ވަނީ ވެންޓިލޭޓަރުގެ މައްސަލާގައި ސްޕްރިމް ކޯޓުން ނިންމާ ގޮތެއް އިނގޭނީ ދައުވަކޮށްގެން ކަމަށާއި ޕީޖީއިން ދައުވާނުކޮށް ތިކިޔަނީ ކޯއްޗެއްތޯ ކަމަށް ވިދާޅުވެފައެވެ.

ހެކި ނެތި ދައުވާކުރި ކަމަށް ސްޕްރީމް ކޯޓުން ނިންމެވީމަ، ވެންޓިލޭޓަރު ކޮރަޕްޝަންގެ މައްސަލާގައި ދައުވާނުކޮށް "ދެން ކޯޓަށް ގޮސް އަޅުގަނޑުމެން ކިޔާނީ ކީކޭތޯ" ވިދާޅުވިއަސް އެޒިންމާ އެ ބަރިއްޔަ ވޭތޯ؟
ޣައްސާން މައުމޫން

ޣައްސާނު އެހެން ވިދާޅުވެފައިވަނީ ކޮވިޑް-19އާ ގުޅިގެން ރާއްޖެ ގެނައުމަށް ނިންމާފައިވާ ވެންޓިލޭޓަރު މައްސަލައިގައި މީހަކަށް ދައުވާ ނުކުރަން ނިންމާފައިވަނީ އެކަށީގެންވާ ވަރަށް ހެކި ނެތުމުން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވުމާ ގުޅިގެންނެވެ.

މިއަދު ޕީޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޖީ ވަނީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އިދާރީ އަދި ގަވައިދާ ހިލާފު ކަންކަން ފާހަގަވާ ކަމަށާއި އެހެން ނަމަވެސް ކޮރަޕްޝަނުގެ ދައުވާއެއް ކުރެވޭނެ އެއްވެސް ހެއްކެއް އެ މައްސަލައިގައި މިހާރު ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ނެތް ކަމަށް ވިދާޅުވެފައެވެ.

ވެންޓިލޭޓަރު ތައް ގެނައުމަށް ނިންމާފައި ވަނީ ފިނޭންސްގެ ގަވައިދުގެ ތެރެއިންކަން އޭސީސީންވެސް ގަބޫލުކުރާ ކަމަށާއި އެގޮތުން އިދާރީ، ގަވައިދާ ހިލާފު މައްސަލަތައްވެސް ހުރިކަން ޕީޖީ ފާހަގަ ކުރެއްވިއެވެ. ނަމަވެސް ކޮރަޕްޝަން ދައުވާކުރާނެ ހެއްކެއް ނެތް ކަމަށް ޕީޖީ ވިދާޅުވިއެވެ.

މީގެ އިތުރުން ޕީޖީ ވިދާޅުވީ ބިޑް ކޮމެޓީން އެއްވެސް ފަރާތަކަށް ފައިދާވާ ގޮތަށް ކަމެއް ކޮށްފައި އޮތްކަމަށް ސާބިތު ކޮށްދެވޭ ވަރަށްވެސް ހެކި ލިބިފައި ނުވާ ކަމަށެވެ.

ޕީޖީ އެފެދައިން ވިދާޅުވެފައި ވާއިރު، ހެލްތް މިނިސްޓްރީގެ ކޮވިޑާ ގުޅޭ އޮޑިޓުން ފާހަގަވި މައްސަލަތަކެއްގައި މިނިސްޓަރު އަމީން އާއެކު 11 މީހެއްގެ މައްޗަށް ދައުވާ އުފުލައިދޭން އޭސީސީން ޕީޖީއަށް ފޮނުވައިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހެވެ.

ނަމަވެސް މިއަދު އެ އޮފީހުން ވަނީ އެއްވެސް މީހަކަށް ދައުވާ ނުކުރުމަށް ނިންމާފައެވެ.