އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އެ ގައުމުގެ ހާރިޖީ އަދި ދިފާއީ ވަޒީރުންނާއެކު ކުރިއަށް ގެންދަވާ މަޝްވަރާތަކަށް ފަހު، އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ދިވެހިރާއްޖެއަށް ޒިޔާރަތް ކުރައްވަން ހަމަޖެހިފައި ވާ ކަމަށް، ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

ނޮވެމްބަރު މަހު އެމެރިކާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފޯރިގަދަ ރިޔާސީ އިންތިހާބު ކުރިން ކުރައްވާނެ ކަމަށް ބުނާ މި ޒިޔާރަތުގެ ވާހަކަ އިންޑިއާ މީޑިއާއިން އާންމުކޮށްފައިވާއިރު، އިންޑިއާ މަޝްވަރާތަކަށްފަހު ސްރީލަންކާއަށްވެސް ޕޮމްޕޭއޯ ވަޑައިގަންނަވާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ޕޮމްޕޭއޯ ސްރީލަންކާއަށް މި ވަޑައިގަންނަވަނީ، އެމެރިކާގެ ޒަމާންވީ ހަތުރުގެ ގޮތުގައި އޮތް ޗައިނާގެ އިސްވެރިންގެ ވަފުދެއް ދާދި ފަހުން ސްރީލަންކާއަށް ވަޑައިގެން، ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަކާ ގުޅޭ މަޝްވަރާތަކެއް ކުރިއަށް ގެންދަވާފައި ވަނިކޮށެވެ.

މި ދަނޑިވަޅަކީ އިންޑިއާއާއި އެމެރިކާގެ އަސްކަރީ ތަމްރީނުތަކެއްވެސް އިންޑިއާ ކަނޑުގެ ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާ ދަނޑިވަޅެއްކަން ފާހަގަކުރަންޖެހެއެވެ.

ދުނިޔޭގެ އެންމެ ނުފޫޒުގަދަ ހާރިޖީ ވަޒީރުގެ ގޮތުގައި ސިފަ ކުރަމުން އަންނަ މައިކް ޕޮމްޕޭއޯ ރާއްޖެއަށް ޒިޔާރަތް ކުރައްވާ ކަމުގެ ޚަބަރުތަކެއް ފެންމަތިވެފައި ވާއިރު، ދިވެހި ރާއްޖެއާއި އެމެރިކާއާއި ދެމެދު ދާދި ފަހުން ވަނީ ދިފާއާއި ސަލާމަތީ ގުޅުންތަކާ ބެހޭ ފްރޭމްވޯކް އެއްބަސްވުމެއް އެކުލަވާލާފައެވެ. އެމެރިކާގެ ހާރިޖީ ވުޒާރާއިން ހާމަކޮށްފައި ވާ ގޮތުގައި މި އެއްބަސްވުމަކީ، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުން ކަށަވަރު ކުރުމަށް، ދޭދޭ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ބާރުދޭ އެއްބަސްވުމެކެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިގެން ވެރިކަމާ ހަވާލުވެވަޑައިގެން ހުންނެވި އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުން، ޗައިނާއަށް ބަރޯސާވުމުގެ ސިޔާސަތަށް ބަދަލު ގެންނަވާފައި ވާ ކަން އިންޑިއާ މީޑިއާއިން ފާހަގަކުރެއެވެ.

ދެކުނު އޭޝިއާއަށް ޕޮމްޕޭއޯ ކުރައްވާ ޒިޔާރަތުގެ އެޖެންޑާގައި ރާއްޖެ ހިމެނޭތޯ ކަށަވަރު ކުރުމަށް ދަ ޕްރެސްއިން ދިވެހި ހާރިޖިއްޔާގައި ސުވާލު ކުރުމުން އަދި އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ދިވެހި ހާރިޖިއްޔާގެ އޮފިޝަލަކު ދަ ޕްރެސްއަށް ވިދާޅުވީ، ބޭރު ގައުމުތަކުގެ ވަފުދުތައް ރާއްޖެ ވަޑައިގަތުމަށް ހުރިހާ ކަމެއް ހަމަޖެހުމުން ރަސްމީކޮށް އެކަން އިއުލާންކޮށް، ކަށަވަރުކޮށްދެވޭނެ ކަމަށެވެ. އަދި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ބަންދުކުރި ބޯޑަރު އަލުން ހުޅުވާލަމުން އަންނައިރު، އެކުވެރި ގައުމުތަކުން ރާއްޖެއަށް ކުރާ ޒިޔާރަތްތަކަށް އަދުގެ ސަރުކާރުން އަބަދުވެސް މަރުހަބާ ކިއާނެ ކަމަށްވެސް ހާރިޖީ ވުޒާރާގެ އޮފިޝަލު ވަނީ ދަ ޕްރެސްއަށް ވިދާޅުވެފައެވެ.