ތިލަފުއްޓާއި ގުޅިފަޅުން ސިނާއީ ބިންތަކާއި ކޮމާޝަލް ޔުނިޓްތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކުން އެތަންތަނަށް ދައްކަންޖެހޭ ކުއްޔާއި، އެހެނިހެން ފީތައް މާދަމާއިން ފެށިގެން އެޗްޑީސީއަށް ދައްކަންޖެހޭގޮތަށް ހަމަޖައްސައިފިއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ އެ ކޯޕަރޭޝަނާއި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް އެއްކޮށްލުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ތިލަފުއްޓާއި، ގުޅިފަޅުން ސިނާއީ ބިންތަކާއި ކޮމާޝަލް ޔުނިޓްތައް ކުއްޔަށްދިނުމާބެހޭ ގޮތުން އެކި ފަރާތްތަކާއެކުވެފައިވާ އެއްބަސްވުންތައް އެޗްޑީސީއަށް ނަގުލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ތިލަފުއްޓާއި ގުޅިފަޅުން ސިނާއީ ބިންތަކާއި ކޮމާޝަލް ޔުނިޓުތައް ކުއްޔަށް ނަންގާފައިވާ ފަރާތްތަކުން އެ ތަންތަނާ ގުޅިގެން އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ މަހު ކުއްޔާއި، އެހެނިހެން ފީ މާދަމާއިން ފެށިގެން އެޗްޑީސީއަށް ދައްކަންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެޗްޑީސީން ބުނީ ޗެކުން ފައިސާ ދައްކާ ފަރާތްތަކުން ޗެކު ތައްޔާރު ކުރަންވާނީ އެ ކޯޕަރޭޝަންގެ ނަމުގައި ކަމަށެވެ. އަދި ނަގުދު ފައިސާއިން ކުއްޔާއި އެހެނިހެން ފީ ދައްކަން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީގެ މައި އޮފީހުގައި ގާއިމުކޮށްފައިވާ ކޭޝް ކައުންޓަރުތައް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވާ ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.

އެޗްޑީސީން ހުރިހާ ކަސްޓަމަރުންނަށް ލުއިފަސޭހަކޮށް ފައިސާ ދެއްކޭނެ އިންތިޒާމު އެ ކޯޕަރޭޝަނުން ގާއިމުކޮށްފައިވާ "މައި ހުޅުމާލެ" ވެބް ޕޯޓަލް މެދުވެރިކޮށް ހަމަޖައްސާފައިވާނެ ކަމަށެވެ. އަދި މި ވެބް ޕޯޓަލްގައިވާ "ކުއިކް ޕޭ" މެދުވެރިކޮށް، ތިލަފުއްޓާއި ގުޅިފަޅުން ސިނާއީ ބިންތަކާއި، ކޮމާޝަލް ޔުނިޓުތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސަމުންދާ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.