އަޒަރުބައިޖާންއާއި އަރުމީނިއާ ހިއްސާކުރާ ނަގޮރްނޯ-ކަރަބަހު ސަރަހައްދުގައި ހިންގަމުންދާ ކުރިމަތިލުންތަކުގައި އެ ސަރަހައްދުގެ އަސްކަރީ ފައުޖުގެ 673 މެމްބަރެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް ނަގޮރްނޯ-ކަރަބަހު ސަރަހައްދުގެ ދިފާއީ ވުޒާރާއިން ހާމަކޮށްފިއެވެ.

އަޒަރުބައިޖާންއާއި އަރުމީނިއާ ހިއްސާކުރާ ބޯޑަރުގައި އޮންނަ ނަގޮރްނޯ-ކަރަބަހު ސަރަހައްދަކީ އަޒަރުބައިޖާންގެ ބައެއް ކަމުގައި ކަނޑައަޅާފައި އޮތް ނަމަވެސް، 1994 ވަނަ އަހަރު ކުރި ހަނގުރާމަ އަކަށް ފަހު، މި ސަރަހައްދު ކޮންޓްރޯލް ކުރަނީ އަރުމީނިއާ މީހުންނެވެ.

އަޒަރުބައިޖާންއާއި އަރުމީނިއާއާ ދެމެދު ބަދަލު ކުރަމުންދާ ހަމަލާތައް، ރޭ މެންދަމު 00:00 ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލުމަށް އެއްބަސްވުމަކަށް އައިސްފައި ވީ ނަމަވެސް، ދެ ފަރާތުންވެސް މިހާރު އެއްބަސްވުމާ ހިލާފު ވެފައި ވާކަމަށް ދެ ފަރާތުންވެސް ދަނީ ތުހުމަތު ކުރަމުންނެވެ.

ނަގޮރްނޯ-ކަރަބަހު ސަރަހައްދުގެ މިލްކުވެރިކަމުގެ މައްސަލައަކީ ސިލްސިލާ ގޮތެއްގައި ދިގުލާ ގޮސްފައި ވާ މައްސަލައަކަށް ވީ ނަމަވެސް، މި ފަހުގެ ހަމަނުޖެހުންގަނޑު ގަދަވާން ފެށީ ހުސްވި ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުން ފަށައިގެންނެވެ. މިއީ 1990ގެ އަހަރުތަކަށް ފަހު ނަގޮރްނޯ-ކަރަބަހު ސަރަހައްދުގައި ހަމަނުޖެހުންތައް އެންމެ ގަދަވި ފަހަރެވެ. 90ގެ އަހަރުތަކުގެ ކުރިމަތިލުންތަކުގައި މަރުވި މީހުންގެ އަދަދު 30000 އަށް އަރާފައި ވާ ކަމަށް ޚަބަރު ލިބެއެވެ.