ހަކުރު ބައްޔަކީ ލޭގައި ދައުރުވާ ހަކުރު ނުވަތަ ގްލޫކޯޒް ހުންނަންވީ ވަރަށްވުރެ މައްޗަށް ދިއުމުގެ ސަބަބުން ކުރިމަތިލާންޖެހޭ ދިގު މުއްދަތުގެ ބައްޔެކެވެ. މިއީ ދިވެހިންގެ މި ކުޑަކުޑަ އަބާދީގައިވެސް ކަންބޮޑުވާން ޖެހޭ ދަރަޖައަށް އާންމު ބައްޔެކެވެ. ހަކުރު ބައްޔަކީ މުޅިން ރަގަޅު ނުކުރެވުނު ނަމަވެސް މިއީ ކޮންޓްރޯލް ކުރެވިދާނެ ބައްޔެއް ކަމަށް ސިއްހީ މާހިރުން އިއްތިފާގުވެއެވެ.

ހަކުރުބައްޔަކީ ހަށިގަނޑުގައި ހަކަތަ އުފެއްދުމަށް ޓަކައި ހަކުރު ބޭނުން ކުރުމުގައި ދިމާވާ މައްސަލަތަކަކާއި ގުޅިގެން ޖެހޭ ބައްޔެކެވެ. އެމީހަކީ ހަކުރު ބަލީގެ ޕޭޝަންޓެއްކަން އެނގޭ ހިސާބުން ކޮންމެ މީހަކުމެހެން އެންމެ ފުރަތަމަވެސް އަވަސްވެގަންނަނީ އެމީހެއްގެ ކެއިންބުއިމުގެ އާދަތަކަށް ބަދަލު ގެނައުމަށެވެ. ހަކުރު ބައްޔާއި ރައްޓެހި މެނޫއަކަށް ދުވަހުގެ ކެއުންތައް ބަދަލު ކުރަންޖެހެއެވެ. މިއީ ހަމައެކަނި ބޭސްފަރުވާއަކުން ކޮންޓްރޯލް ކުރެވޭނެ ބައްޔެއް ނޫނެވެ.

ހޯމް ކިޓަކުން ހަކުރު ޓެސްޓުކުރަނީ/ފޮޓޯ: އޭއެފްޕީ

ކާބޯތަކެތީގެ ޒަރިއްޔާއިން ގްލޫކޯޒް ލެވަލް ކޮންޓްރޯލް ކުރުމަށް އެހީވެދޭއިރު، މި ލިސްޓަށް އެންމެ ފަހުން އިތުރުވި އެއް ބާވަތަކީ ސައްކޭލެވެ. މިއީ ހަކަތަ އާއި ޑައެޓްރީ ފައިބަރު، ތަފާތު ވިޓަމިންތަކާއި، މައުދަންތަކުގެ މުއްސަދި ވެފައިވާ، އަނގައަށް މީރު، ދިވެހިންނާ ރައްޓެހި މޭވާ އެކެވެ. ސައްކޭލަކީ ގްލައިސީމިކް އިންޑެކްސް ދަށް މޭވާއެއް ކަމުން، ސައްކޭލު ފުށަކީ، ގޮދަން ފުށުގެ ބަދަލުގައި ބޭނުން ކުރަން ފައިދާ ބޮޑު އިހުތިޔާރެއް ކަމުގައިވެސް ދެންނެވިދާނެއެވެ.

އެމެރިކަން ޑައެބީޓީސް އެސޯސިއޭޝަނުން ދާދި ފަހުން އާންމު ކުރި ދިރާސާއެއްވެސް މިކަމަށް ބާރުދެއެވެ. އެގޮތުން ސައްކޭލު ފުށަކީ ގްލައީކޮސައިލޭޓަޑް ހެމޮގްލޮބިން (އެޗްބީއޭވަންސީ)، ފާސްޓިންގް ބްލަޑް ގްލޫކޯޒް (އެފްބީޖީ) އަދި ޕޯސްޓްޕެރަންޑިއަލް ގްލޫކޯޒް (ޕީޕީޖީ) ދަށް ކުރާ ބާވަތެއް ކަމަށް މި ދިރާސާގައި ބުނެފައި ވެއެވެ.

ސަައްކޭލު ފުށަކީ އެޗްބީއޭވަންސީ، އެފްބީޖީ އަދި ޕީޕީޖީ ދަށް ކުރާ ބާވަތެއް / ފޮޓޯ: ޑަބްލިއުޓޮޕް

މި ދިރާސާގައި ބައިވެރި ކޮށްފައިވަނީ ޓައިޕް-2 ޑައިބީޓީސް ހުންނަ 40 މީހެކެވެ. މިއިން ކޮންމެ ބައިވެރިއަކަށްވެސް 3 މަސް ދުވަސް ވަންދެން ކޮންމެ ދުވަހަކުވެސް، 30 ގުރާމުގެ ސައްކޭލު ފުށް ދިނެވެ. ސައްކޭލު ފުށް ނުދޭ ގުރޫޕެއްވެސް ދިރާސާގައި ބައިވެރި ކުރިއެވެ. އެމީހުންނަށް ދިނީ ގޮދަން ނުވަތަ ހަނޑުލު ފުށުގައި ތައްޔާރުކޮށްފައިވާ ރޮއްޓާއި އިޑްލީ ފަދަ ތަކެއްޗެވެ.

އިންޑިއާގެ ކައުންސިލް އޮފް މެޑިކަލް ރިސާޗުން ބަލައިގެންފައިވާ މި ދިރާސާގެ ނަތީޖާއަށް ބަލާއިރު، ސައްކޭލު ފުށް ބޭނުން ކުރި ގުރޫޕުގެ ޕްލާޒްމާ ގްލޫކޯޒް ލެވަލް އިން އެދެވޭ މެސެޖުތަކެއް ދިން ކަން ފާހަގަ ކުރަންޖެހެއެވެ.

ހަކުރު ބައްޔާއެކު ކުއްލި ގޮތަކަށް ކެއިންބުއިމުގެ އާދަތަކަށް ގެންނަން ޖެހޭ ބަދަލާއެކު ހިތްދަތިކަން ކުރިމަތިވުމަކީ ގާތުގައި އޮތް ކަމެކެވެ. ކުރިން ކައި އުޅުނު ޕިއްޒާއާއި ބާގާ ފަދަ ތަކެއްޗާ ދުރުވާން ޖެހުމުގެ ހިތްދަތި އިހުސާސް ކުރެވޭ ނަމަ، ސައްކޭލު ފުށް ހިޔާރު ކުރެވިދާނެއެވެ. މިއީ ހަޖަމް ކުރުމަށްވެސް އެހީވެދޭނެ ބާވަތެކެވެ.

އުރުދުންގެ ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅެމުންދާ ހަކުރު ބަލީގެ ޕޭޝަންޓެއް އިންސިއުލިން ޝޮޓެއް ސިރިންޖަށް ނަގަނީ/ފޮޓޯ: ޑަބްލިއުއެޗްއޯ

ސައްކޭލު ފުށަކީ ގޭގައި އަމިއްލައަށްވެސް ތައްޔާރު ކުރެވިދާނެ އެއްޗެކެވެ. ސައްކޭލު ފުށް ތައްޔާރު ކުރުމަށްޓަކައި އެންމެ ފުރަތަމަ، ސައްކޭލު އޮށް، އަވީލައިގެން ހިއްކާނީއެވެ. އެއަށްފަހު، ތަވާ މަތީގައި ހަނާކޮށްލާނީއެވެ. ހަނާ ކުރުމުގެ ތެރޭގައި އޮށުގެ ބޭރުގައި ލެވޭ ތުނި ތޮށި ނައްޓާލަންވާނެއެވެ. އެއަށްފަހު، އޮށްތައް ކުދިކުދި ކޮށާލުމަށްފަހު މުގުރާލުމުން، ސައްކޭލު ފުށް ތައްޔާރު ކުރެވުނީއެވެ.

ައްކޭލު ފުށަކީ ގޭގައި ވަރަށް ފަސޭހައިން ތައްޔާރު ކުރެވިދާނެ ބާވަތެއް / ފޮޓޯ: ސޭވަރީސްޕިން

ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ ސިއްހީ މައުލޫމާތު ފޯރުކޮށްދިނުމުގައި ދިވެހިންނާއި ރައްޓެހި ޑރ ޢަބުދުލް ޢަޒީޒު ޙަމީދުވެސް ވަނީ ސައްކޭލުގެ ފައިދާތަކުގެ ތެރެގައި، ލޭގައި ހަކުރު އެކުލެވޭ މިންވަރު ކޮންޓްރޯލް ކުރުމަށް، މި މޭވާ އެހީތެރިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ހަށިގަނޑުގައި މެންގަނީޒް މަދުވުމުގެ އެއް އަލާމާތަކީ ލޭގައި ހަކުރުގެ މިންވަރު މަތިވުން ކަމަށާ، ސައްކޭލުގައި މެންގަނީޒް ގިނަ އަދަދަކަށް އެކުލެވޭތީ، ލޭގައި ހަކުރުގެ މިންވަރު ސައްކެޔޮ ބޭނުން ކުރުމުން ދަށްވާގޮތް ވާ ކަމަށް ޑރ ޢަބުދުލް ޢަޒީޒު ޙަމީދު ފާހަގަކުރައްވައެވެ.

ހަކުރު ބައްޔަށް ބޭސް ކުރުމުގެ އިތުރުން ކެއުމަށް ބަދަލުތަކެއް ގެންނަން ޖެހެއެވެ. މިކަމުގައި ބަލަން ޖެހެނީ ހަކުރުގެ ބައި އެކުލެވޭ ބާވަތެއް ކަމަށްވާ ކާބޯހައިޑްރޭޓްސް މަދުކޮށް، ޕްރޮޓީން އަދި ވިޓަމިންގެ ބައިތައް ގިނަކުރެވޭތޯ ކަމަށްވެސް ޑރ ޢަބުދުލް ޢަޒީޒު ޙަމީދު ވިދާޅުވެއެވެ.