ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އޮއެވަރުގައި ބިޔަ ރާޅެއް ބިންދާލި ވިލާތު ބައްރަށް ދެވަނަ ރާޅެއްގެ ބިރުވެރިކަން ކުރިމަތިވެ، ކޭސް ނަމްބަރު އިތުރުވަމުންދާ ދިއުމާ މެދު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.

ޑަބްލިއުއެޗްއޯގެ ޔޫރަޕް ޑައިރެކްޓާ ހާންސް ކްލޫގެ ވިދާޅުވީ، ކޮވިޑް-19ގެ ދެވަނަ ރާޅެއް ވިލާތަށް ކުރިމަތިވެފައި ވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އޭނާ ވަނީ ގައުމީ ފެންވަރުގައި ލޮކްޑައުންތައް އިއުލާން ކުރުމާ ދެކޮޅަށް އިންޒާރު ކުރައްވާފައެވެ.

މާޗް މަހުގެ ރާޅަށް ބަލާއިރު ލޮކްޑައުން ނޫން ގޮތެއް ނެތުނީ ކަމަށާ، ނަމަވެސް މިހާރު އެއަށްވުރެ ރަނގަޅަށް ކަންކަން ފަހުމްވަމުން އަންނަ ކަމަށް ކްލޫގެ ވަނީ ވިދާޅުވެފައެވެ.

ކޭސް ނަމްބަރު އިތުރުވި ނަމަވެސް ލޮކްޑައުންއަކާ ދެކޮޅަށް އިންޒާރު ކުރައްވަމުން ކްލޫގެ ވިދާޅުވީ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރެއްވިއްޖެނަމަ، ކުރިއަށް އޮތް 6 މަހެއްހާ ދުވަހު، ވިލާތުން 281000 އެއްހާ މީހުންގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމަށެވެ. އެގޮތުން މާސްކު އެޅުމުގެ އިތުރުން އިޖުތިމާއީ އެއްވުންތަކާ ދެކޮޅަށް ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އޭނާ ވަނީ އިރުޝާދު ދެއްވާފައެވެ.

ވިލާތުގައި ކޮވިޑް-19 ފެތުރެމުން ދާ ގޮތަށް ބަލާއިރު، ރެކޯޑް އަދަދަކަށް ކޭސް ރިޕޯޓް ކުރަމުން ދާ ގައުމުތަކުގެ ތެރޭގައި ފަރަންސޭސިވިލާތް، އިނގިރޭސިވިލާތް، ރަޝިއާ، ސްޕެއިން އަދި ނެދަލަންޑްސް ފާހަގަކުރެވެއެވެ.