މި އުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ﷺ އަށް ފުރައްސާރަ ވާ ގޮތަށް ކުރަހާފައިވާ ކާޓޫންތަކެއް ދަރިވަރުންތަކަށް ދެއްކި ޓީޗަރުގެ ބޯ ބުރިކޮށްލުމަކީ، "އިސްލާމުން" ދިން ޓެރަރިސްޓް ހަމަލާއެއް ކަމަށް ފަރަންސޭސިވިލާތުގެ ރައީސް އިމެނުއަލް މެކަގޯން ސިފަކޮށްފިއެވެ.

ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ނަމުގައި ބަހުސް ކުރުމަށް ކަމަށް ބުނެ ދަރިވަރުންނަށް ކާޓޫންތައް ދެއްކި ހިސްޓްރީ ޓީޗަރަށް ހަމަލާދީ މަރާލިކަމަށް ތުހުމަތު ކުރެވޭ މީހާގެ ގަޔަށް ފުލުހުން ވަނީ ބަޑިޖަހާފައެވެ. ފުލުހުންގެ ހަމަލާތަކުގައި ލިބުނު ޒަހަމްތަކުގައި އޭނާވެސް މި ދުނިޔެ ދޫކޮށްފައި ވާ ކަމަށް ޚަބަރު ލިބެއެވެ.

ކީރިތި ރަސޫލާއަށް ފުރައްސާރަވާ ކާޓޫންތަކެއް ދަރިވަރުންނަށް ދެއްކި މައްސަލާގައި ޓީޗަރަށް އިންޒާރުތަކެއް ދެމުން އަންނަތާ 10 ވަރަކަށް ދުވަސް ފަހުން، އޭނާ މަރާލާފައިވަނީ، އޭނާ މަސައްކަތް ކުރަމުންދިޔަ ސްކޫލް ކުރިމަތިން އޮންނަ މަގުގައެވެ.

ފަރަންސޭސިވިލާތުގެ އެންޓިޓެރަރިޒަމް ޕްރޮސެކިއުޓަރުން ބުނީ، މައްސަލަ ބަލަމުން އަންނަނީ، ޓެރަރިޒަމްއާއި ގުޅުން އޮތް ޖަމިއްޔާއަކާ ގުޅޭ މަރެއްގެ ގޮތުގައި ކަމަށެވެ.

ދަރިވަރުންނަށް ކާޓޫން ދެއްކި ޓީޗަރުގެ ޝަކުވާ، ބެލެނިވެރިއަކު ހުށަހަޅާފައި އޮތް ނަމަވެސް، ޓީޗަރު މަރާލާފައިވާ މީހާގެ ބެލެނިވެރިކަމުގައި އެއްވެސް ދަރިވަރަކު އެ ސްކޫލްގައި ދަފުތަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ޓީޗަރުގެ މަރުގެ މައްސަލައާ ގުޅުން އޮތް 4 މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށް ޚަބަރު ލިބެއެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ކުޑަ ކުއްޖަކުވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

ކީރިތި ރަސޫލާއަށް ފުރައްސާރަވާ ގޮތަށް ފަރަންސޭސިވިލާތުން މީގެ ކުރިންވެސް ވަނީ ކާޓޫނު ކުރަހާ، ނޫހެއްގައި ޝާއިއު ކޮށްފައެވެ. ފަރަންސޭސިވިލާތަކީ މުސްލިމުންނާ ދެކޮޅަށް ހަރުކަށި ފިކުރެއް ގެންގުޅޭ ގައުމެކެވެ. އެގޮތުން، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ލޮކްޑައުން ތެރޭގައިވެސް މުސްލިމު ކުދިންނަށް ގޭގައި ވަކިން ޕްރައިވެޓް ކުލާސްތައް ނަގާ ނުދެވޭ ގޮތަށް އެގައުމުން ވަނީ ހަމަޖައްސާފައެވެ.