މާލޭ ސިޓީގެ ކެފޭ ރެސްޓޯރަންޓުތަކުން ޓޭކްއަވޭ އާއި ޑެލިވަރީ ރޭގަނޑު 10:30 އާ ހަމައަށް ދެވޭ ގޮތައް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ހަމަޖައްސައިފިއެވެ.
އެޗްޕީއޭން ބުނީ ކޮވިޑް-19 އިން ރައްކާތެރި ވުމަށް އަޅައިފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނައުމުގެ ގޮތުން މާލެ ސަރަހައްދުގައި ހިންގާ ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތާގެ ހިދުމަތްތައް ރޭގަނޑު 10:30 އާ ހަމައަށް އިތުރުކޮށްފައި ވާ ކަމަށެވެ.
އަދި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާ ކޮށްފައެވެ.
ކާފިއު އިއުލާންކޮށްފައިވާ ވަގުތައް ބަދަލު ގެނެސް ޑެލިވަރީ އަދި ޓޭކްއަވޭގެ ހިދުމަތްތައް ދެވޭނެ ވަގުތު އިތުރު ކޮށް ބޭރުގައި އުޅެވާނެ ވަގުތުވެސް އިތުރު ކޮށްފައި ވާއިރު، މީގެ ކުރިން ޕޮޒިޓިވް ވާ މީހުން އިތުރު ވުމާ ގުޅިގެން ވަނީ މިފަދަ ހިދުމަތްތައް ދިނުން މެދުކަނޑާލާފައެވެ. ނަމަވެސް، މިހާރު ކޮވިޑް-19 ފެތުރުން މަޑުޖެހެމުން ދިއުމުގެ ސަބަބުން ވަނީ ގިނަ ލުއިތަކެއް ދީ ރާއްޖެ ހުޅުވާލާފައެވެ.
އެގޮތުން ޖުލައި މަހު 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލި އިރު އިއްޔެ ވަނީ ގެސްޓްހައުސްތައް ހުޅުވާލާފައެވެ.
މިއަދު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވަނީ 41 މީހުންނެވެ. އަދި ބަލިން ރަނގަޅުވެފައި ވަނީ 64 މީހުންނެވެ. މިއަދު މި ބައްޔަށް ޕޮޒިޓިވްވި 41 މީހުންގެ ތެރޭގައި ހިމެނެނީ، 39 ދިވެހިންނާއި 4 ބިދޭސީން ކަމަށެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 34 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 7 މީހެކެވެ.