ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ޓެސްޓް ކުރެވުނު 13666 ސާމްޕަލުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ 41 މީހުން ކަމަށާއި ބަލިން ރަނގަޅުވެފައި ވަނީ 64 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ މިއަދު މި ބައްޔަށް ޕޮޒިޓިވްވި 41 މީހުންގެ ތެރޭގައި ހިމެނެނީ، 39 ދިވެހިންނާއި 4 ބިދޭސީން ކަމަށެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 34 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 7 މީހެކެވެ.

މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 11،154 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު އިތުރު 64 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 9995 އަށް އަރާފައެވެ.

މިވަގުތު މިބަލި ޖެހިފައިވާ 1117 މީހުން އުޅޭއިރު، އެމީހުންގެ ތެރެއިން 49 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 384 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.

ކޮވިޑް ޖެހިގެން ރާއްޖޭގައި މިހާތަނަށް ވަނީ 35 މީހަކު ނިޔާވެފައެވެ.‏ އޭގެ ތެރެއިން 7 މީހަކު ނިޔާވެފައި ވަނީ ކޮވިޑް މަރުން ނޫން ކަމަށް ވަނީ ނިންމާފައެވެ.

މި ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 20 ރަށެއްގައެވެ. އަދި 19 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސްތައް އުޅޭއިރު، 15 ފަތުރުވެރިންނާއި 25 ރިސޯޓް މުވައްޒަފުން ވަނީ ޕޮޒިޓިވް ވެފައެވެ.