ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ފުރަތަމަ ފަހަރަށް ތައާރަފްކުރި "ލޯޔަލިޓީ ކާޑު" ޕީޕީއެމްއިން ތައާރަފް ކޮށްފިއެވެ.

ޕީޕީއެމުން ބުނީ ލޯޔަލްޓީ ކާޑަކީ، އިދިކޮޅުގެ އެކި ހަރަކާތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް، ފައިސާ ހަދިޔާ ކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ތައާރަފްކޮށްފައިވާ ކާޑެއް ކަމަށާއި އެ ކާޑު މެދުވެރިކޮށް 100 ރުފިޔާއިން ފެށިގެން ކޮންމެ މަހެއްގެ މައްޗަށް ފައިސާ އިދިކޮޅުގެ ފަންޑަށް ހަދިޔާ ކުރެވޭނެ ކަމަށެވެ.

އެ ކާޑު ތައާރަފްކޮށްފައި ވަނީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ކާޑުތައް އިފްތިތާހު ކުރުމަށްފަހު ޕްލެޓިނަމް ކާޑުގެ ރަމްޒީ ކާޑް ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީންއަށް ވަނީ އަރުވާފައެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން މިކާޑާ ހަވާލުވެ ވަޑައިގެންނެވީ އެމަނިކުފާނުގެ ދަރިކަލުން ޒައިން އަބްދުﷲ ޔާމީންއެވެ.

ލޯޔަލްޓީ ކާޑުގެ ޖުމްލަ ހަތަރު ގިންތިއެއް މިއަދު ވަނީ ތައާރަފްކޮށްފައެވެ. އެ ހަތަރު ގިންތީގެ ކާޑުތަކުގެ ތެރޭގައި، މެޖެންޓާ، ސިލްވާ، ގޯލްޑްގެ އިތުރުން ޕްލެޓިނަމް ހިމެނެއެވެ.

މިކާޑުތަކުގެ ތަފްސީލް ދެއްވަމުން ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވީ މިއީ ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކަށް ނަގައިގެނެވުނު ފިލާވަޅެއްކަމަށާއި ޒަމާނާއި އެއްގޮތަށް ސިޔާސީ ޕާޓީ ހިންގަން މިއަދު ދަސްކުރަން ޖެހޭއިރު މިއީ ސިޔާސީ ގޮތުން ޕާޓީ ހިންގުމަށް ލިބިގެންދާ ވަރަށްބޮޑު ފަސޭހައެއްކަމަށެވެ. މިކާޑުތަކުގެ ތެރެއިން މެޖެންޑާ ކާޑަކީ ޕާޓީގެ ހުރިހާ މެންބަރުންނަށް އަމާޒުކޮށްގެން ތައާރަފް ކުރެވިފައިވާ ކާޑެކެވެ.

އެ ރަސްމިއްޔާތުގައި ޕާޓީގެ ކާޑު ބައްލަވައިގެންނެވި ބައެއް ފަރާތްތަކަށް ކާޑުވަނީ އެ ހަފްލާގައި ހަވާލުކޮށްފައެވެ.