ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ދިފާއުވުމަށް ޗައިނާއިން ތަރައްގީ ކޮށްފައިވާ ވެކްސިނެއް ކާމިޔާބުވެފައި ރައްކާތެރި ކަމަށް ބުނާ ދިރާސާއެއް އާންމު ކޮށްފިއެވެ.

މި ވެކްސިނަށް ދީފައިވާ ނަމަކީ ބީބީއައިބީޕީ-ކޯވީއެވެ.

ސިއްހީ ދާއިރާގެ ފަހުގެ ހޯދުންތައް ޝާއިއު ކުރަމުން އަންނަ ޖާނަލްއެއް ކަމަށްވާ ލޭންސެޓް އިންފެކްޝަސް ޑިޒީޒްގައި އާންމު ކޮށްފައިވާ މި ދިރާސާއަކީ، 640 މީހުން ބައިވެރިކޮށް ގެން ކުރިއަށް ގެންދާ ކްލިނިކަލް ޓްރަޔަލްތަކުގެ އިބްތިދާއީ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ދިރާސާއެކެވެ.

ދިރާސާގެ ހޯދުންތަކަށް ބަލާއިރު، އުމުރުން 60 އަހަރުން މަތީގެ ބައިވެރިންގެ ހަށިގަނޑުން ވެކްސިނަށް އިޖާބަ ދިނުމުގައި ލަސްކަމެއް ފާހަގަ ކުރެވުނެވެ. އެގޮތުން ލޭގެ ޓެސްޓުތަކުން އެންޓިބޮޑީޒްގެ އަސަރު ފެނުމަށް 42 ދުވަހުގެ މުއްދަތެއް ހޭދަވި ކަމަށާ، އުމުރުން 18 އަހަރާއި 59 އަހަރާ ދެމެދުގެ ބައިވެރިންގެ ހަށިގަނޑުން އެންޓިބޮޑީޒް ފެނުމަށް ނެގީ 28 ދުވަސް ކަމަށްވެސް މި ދިރާސާ ރިޕޯޓްގައި ވެއެވެ.

އުމުރުން 60 އަހަރާއި 80 އަހަރާ ދެމެދުގެ ބައިވެރިންގެ ހަށިގަނޑުން އެންޓިބޯޑީޒް ފެނުނު މިންވަރު، 18 އަހަރާއި 59 އަހަރާ ދެމެދުގެ ބައިވެރިންނަށް ވުރެ ނިސްބަތުން މަދު ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ދިރާސާ ޓީމުން ބުނި ގޮތުގައި މިއީ ވެކްސިންގެ ކާމިޔާބީ ވަޒަން ކުރުމަށް ފަރުމާ ކުރި ތަހުލީލުތަކެއް ނޫނެވެ. އެހެންކަމުން، ބީބީއައިބީޕީ-ކޯވީ ދީގެން ކޮވިޑް-19އިން މުޅިން ދިފާއު ހޯދިދާނެ ކަމަށް އަދި ބުނެވެން ނެތް ކަން ވެސް ދިރާސާ ޓީމުން ވަނީ ފާހަގަކޮށްފައެވެ.

ދިރާސާ ޓީމުން ބުނި ގޮތުގައި ވެކްސިންގެ އެންމެ ފަހު ޑޯޒް ދިންތާ 28 ދުވަސް ވީއިރުވެސް އެއްވެސް ބައިވެރިއެއްގެ ހަށިގަނޑުން، ނުރައްކާތެރި ސައިޑްއިފެކްޓެއްގެ އަލާމާތެއް ފެނިފައެއް ނުވެއެވެ. އެންމެ ބޮޑުވަރަކަށްވެސް ފާހަގަވީ ކަމަކީ، އިންޖެކްޝަން ޖެހި ސަރަހައްދުގައި ރިއްސުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ބީބީއައިބީޕީ-ކޯވީއަކީ އިންއެކްޓިވޭޓް ވެކްސިން ގިންތިއަށް ފެތޭ ވެކްސިނެކެވެ. އިންއެކްޓިވޭޓް ވެކްސިނަކީ މަރުވެފައިވާ ވައިރަސް އެކުލެވޭ ވެކްސިނެކެވެ. ނުވަތަ، ބަލި ޖެއްސުމުގެ ބާރު ކެނޑިފައިވާ ވައިރަހުގެ ބައިތަކެއް އެކުލެވޭ ވެކްސިންތަކެކެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ބޭނުން ކުރާނެ ވަކި ވެކްސިނަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އަދިވެސް ރުހުން ދީފައެއް ނުވެއެވެ. އާންމުންނާ ހިސާބަށް ވެކްސިނެއް ގެނައުމުގެ ކުރިން ގިނަ މަރުހަލާތަކެއް ފުރިހަމަ ކުރަންޖެހޭއިރު، އެންމެ ފަހުގެ މަރުހަލާގައި 10 ކެންޑިޑޭޓެއް އުޅޭ ކަމަށް ޚަބަރު ލިބެއެވެ.