ކޮވިޑް-19 އަށްފަހު އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި ޗައިނާއާއެކު އޮންނަ އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް އާއެކު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު މަޝްވަރާކުރައްވައިފިއެވެ.

އެ މަޝްވަރާތައް ކުރިއަށްދިޔައީ ފޮރިން މިނިސްޓްރީއާއި ޗައިނާ އެމްބަސީގެ އިސް އޮފިޝަލުންވެސް ހިމެނޭ ގޮތަށް، މިއަދު ފޮރިން މިނިސްޓްރީގައެވެ.

ފޮރިން މިނިސްޓަރ ޝަހީދު ވިދާޅުވީ، މިބައްދަލުވުމުގައި ކޮވިޑް-19 އަށްފަހު އުފެދިފައިވާ މާހައުލުގައި ޗައިނާއާއެކު އިގްތިސޯދީ ގޮތުން ގުޅުން ބަދަހިކޮށް ކުރިއަށް ދެވޭނެ ގޮތްތަކާ މެދު ވަރަށް އުފެއްދުންތެރި މަޝްވަރާތަކެއް ކުރިއަށް ދިޔަ ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގެ އިގްތިސޯދު އަލުން ވަރުގަދަ ކުރުމަށް ކުރާ މަސައްކަތާ އެހެން ދާއިރާތަކުން ވެސް ޗައިނާއިން މެދުކެނޑުމެއް ނެތި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ޗައިނާއިން ދަނީ ރާއްޖޭގެ އިގްސާދަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. އަދި ޕެންޑެމިކްގެ ތެރޭގައިވެސް ޗައިނާ ސަރުކާރާ ކުންފުނިތަކުން ރާއްޖެއަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.