އެމެރިކާގެ އެންމެ ކާރޫބާރޫ ބޮޑު ވައިގެ ބަނދަރުތަކުގެ ލިސްޓުން ޖާގަ ހޯދާ ލޮސް އެންޖަލީސް ވައިގެ ބަނދަރާއި ދާދި ކައިރީގައި، ޖެޓްޕެކެއް އަޅައިގެން އުދުހެމުން ދިޔަ މީހަކު ފެނިގެން ކަމާ ބެހޭ ފަރާތްތަކަށް އަނެއްކާވެސް ރިޕޯޓްކޮށްފިއެވެ.

އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އޮތޯރިޓީ (އެފްއޭއޭ) އިން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ޖެޓްޕެކެއް އަޅައިގެން ހުރިކަމަށް ބެލެވޭ މީހަކު، 6000 އެއްހާ ފޫޓު އުހުގައި އުދުހެމުންދާ ކަމަށް ޗައިނާ އެއާލައިންސްގެ ކްރޫއަކުން ރިޕޯޓް ކޮށްފައި ވާކަމަށާ، އެމީހާ އުދުހެމުން ދިޔައީ ލޮސް އެންޖަލީސް އިންޓަނޭޝަނަލް އެއާޕޯޓްގެ ހުޅަނގު އުތުރުން އެންމެ 7 މޭލު ދުރުން ކަމަށެވެ.

ހަމަ މިސަރަހައްދުން، ޖެޓްޕެކެއް އަޅައިގެން ހުރި މީހަކު އުދުހުނު ކަމުގެ ރިޕޯޓެއް، ސެޕްޓެމްބަރު މަހުވެސް އެފްއޭއޭގައި ވަނީ ފައިލްކޮށްފައެވެ. އެފަހަރު ކޭސް ރިޕޯޓް ކުރީ އެމެރިކަން އެއާލައިންސްގެ ފްލައިޓަކުންނެވެ. ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ޖެޓްޕެކްގައި އުދުހުނު މީހާ ދަތުރު ކުރަމުންދިޔައީ 3000 ފޫޓު އުހުގައި ކަމަށް މައުލޫމާތު ލިބެއެވެ. އޭރު އެމީހާއާއި ފްލައިޓާ ދެމެދު ހުންނާނީ އެންމެ 30 ޔާޑު (90 ފޫޓު) ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ދަނީ މި ހާދިސާތައް ތަހުގީގު ކުރަމުންނެވެ.