ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ ތައިލޭންޑްގައި ކުރަމުންދާ އިދިކޮޅު މުޒާހަރާތައް ވަރުގަދަ ކުރުމާއެކު، ތައިލޭންޑްގެ ސަރުކާރުން ކުއްލި ނުރައްކާ އިއުލާން ކޮށްފިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސުލްހަވެރި ކަމާއެކު އެއްވެ އުޅުންވެސް މަނާވެއެވެ.

ތައިލޭންޑްގެ ޓީވީ މެދުވެރިކޮށް ފުލުހުން އިއްވި ބަޔާނެއްގައި ބުނެފައިވަނީ، ސުލްހައާއި ގާނޫނީ ބާރު ތަންފީޒު ކުރުމަށްޓަކައި މިހާރުން މިހާރަށް މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

މިއާއެކު ފުލުހުން ވަނީ މުޒާހަރާތަކާ ގުޅިގެން ވަރުގަދަ އެކްޓިވިސްޓުންތަކެއް ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި، މުޒާހަރާގެ ލީޑަރުންގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔަ 3 މީހަކު ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ. ފުލުހުން ވަނީ 20 މީހަކު ހައްޔަރު ކޮށްފައި ވާ ކަން ކަށަވަރުކޮށްދީފައެވެ.

ދަރިވަރުން އިސްނަގައިގެން، ޑިމޮކްރަސީގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތް އަމާޒު ކޮށްފައިވަނީ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލުމާ، ރަސްގެފާނަށް ލިބިފައިވާ ބާރުތައް ކުޑަކުރުމަށެވެ.

ޖުލައި މަހުން ފެށިގެން ސިލްސިލާ ގޮތެއްގައި ދަރިވަރުންގެ މުޒާހަރާތައް ކުރިއަށް ގެންދާއިރު، ހަފުތާ ބަންދުން ފެށިގެން ތައިލޭންޑްގައި ކުރިއަށްދާ މުޒާހަރާތަކަކީ މިފަހުގެ ތާރީހުގައި އެ ގައުމު ދުށް އެންމެ ވަރުގަދަ މުޒާހަރާތައް ކަމަށް މައުލޫމާތު ލިބެއެވެ.