ރާއްޖޭގެ ގެސްޓްހައުސްތަކަށާއި، ގެސްޓްހައުސް ވިޔަފާރިކުރާ ރަށްރަށުގެ ރައްޔިތުންނަށް މާސްކް ހަދިޔާކުރަން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އިން ބުނީ ގެސްޓްހައުސްތައް އަލުން ހުޅުވާލުމާ ގުޅިގެން ރާއްޖޭގެ ގެސްޓްހައުސްތަކަށާއި، ގެސްޓްހައުސް ވިޔަފާރި ކުރާ ރަށްރަށުގެ ރައްޔިތުންނަށް މާސްކް ހަދިޔާކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ގެސްޓްހައުސް ވިޔަފާރިތައް އަލުން ފައްޓަން ސިނާއަތުގެ ހުރިހާ ފަރާތްތަކުން ތައްޔާރުވަމުންދާކަމަށާއި ކޮވިޑް19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ހަދިޔާކޮށްފައިވާ "ނޮން ސާޖިކަލް މާސްކް" ރާއްޖޭގައި ހިންގާ ގެސްޓްހައުސް ވިޔަފާރިތަކަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން، ދިވެހި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ސަރުކާރުން ދޭ މުހިންމުކަން ފާހަގަކޮށް ސިންގަޕޫރުގެ ޓެމަސެކް ފައުންޑޭޝަންއިން ހަދިޔާކޮށްފައިވާ "ރީޔޫސަބަލް' މާސްކް ގެސްޓްހައުސް ވިޔަފާރި ކުރާ ރަށްރަށުގެ ރައްޔިތުންނަށް ހަދިޔާ ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި މާސްކްތައް ގެސްޓްހައުސްތަކާއި ރަށްރަށުގެ ރައްޔިތުންނަށް ކައުންސިލް މެދުވެރިކޮށް ބެހުމަށްޓަކައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ.) އާއި ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮވިޑް-19 އާގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތައް ވަގުތީގޮތުން ހިންގުންހުއްޓާލެވިފައި އޮތުމަށްފަހު މާދަމާ ހުޅުވުމަށް ސަރުކާރުންވަނީ ނިންމާފައި ވުމުން ހެލްތު ޕްރޮޓެކްޝަންއޭޖެންސީ (އެޗްޕީއޭ) އިން ގެސްޓްހައުސްތައް އަމަލުކުރަންޖެހޭ އުސޫލެއްވަނީ ކަނޑައަޅާފައެވެ. މިއުސޫލުތަކުގައި ގެސްޓް ހައުސް ހިންގާ ރަށްރަށުގައި މާސްކަ އެޅުން ވަނީ މަޖުބޫރު ކޮށްފައެވެ.
އެ އުސޫލާ އެއްގޮތަށް ރާއްޖޭގެ ބައެއްގެސްޓްހައުސްތައް މިހާރުވަނީ ހުޅުވުމަށް ތައްޔާރުވެފައެވެ.