15 އަހަރުގެ ފިރިހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއްގައި، ހައްޔަރުކުރި ދެމަފިރިން ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމައިފިއެވެ.
ފުލުހުން ބުނީ ހައްޔަރުކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ކަމަށެވެ.
ހުޅުމާލެ ގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާ އެކު އިތުރު ދެ މީހަކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފައި ވަނީ މިމަހު 3 ވަނަ ދުވަހެވެ.
އެ މައްސަލައާ ގުޅިގެން އުމުރުން 29 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނަކު ބަންދުކޮށް، ބަންދާ މެދު ގޮތް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް އެންމެ ފުރަތަމަ ޖަހައިދިނީ ހަތް ދުވަހެވެ. ނަމަވެސް އެމީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި މިވަނީ ދެވަނަ ފަހަރަށް މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުންނެވެ.
އެ މައްސަލާގައި އެމީހުން ހައްޔަރު ކުރި ދުވަހުގެ ހަވީރު ޒުވާނުންތަކެއް ވަނީ އެމީހުން އުޅޭ ގެ ކައިރިއަށް އެއްވެ އިހުތިޖާޖުވެސް ކޮށްފައެވެ. ހަމަ އެވަގުތު އެދެމީހުން ފުލުހުންގެ ވެހިކަލްގައި ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމު ވެފައެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީެފައި ވަނީ އަމިއްލަ ރައްކާތެރި ކަމަށް އެދުނު ދެ މީހަކު ފުލުހުންގެ ވެހިކަލެއްގައި ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައި ވާ ކަމަށެވެ.
މައުލޫމާތު ލިބޭގޮތުގައި އެއީ ދިވެހި ފިލްމީ ތަރިއަކާ އޭނާގެ އަންހެނުންނެވެ. އެހަބަރު ފެންމަތި ވުމާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އެދެމަފިރިންނަށް ފާޑުކިޔަމުންނެވެ. އެ ދެ މީހުންގެ ދަރިފުޅަށް ބޭނުންވާ ސިއްހީ ފަރުވާއަށް އާންމުންގެ ފަރާތުން ލާރި ހޯދާ، އެ ލާރިއަށް އެމީހުން އެހެނިހެން ހަރަދުތަކެއް ކުރި ކަމަށް ބުނެ މީގެ ކުރިން ވެސް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އެ މީހުންނަށް އަމާޒު ވެފައެވެ.