ދުނިޔޭގެ އެންމެ ބޮޑު ފަރުގެ ގޮތުގައި ސިފަކުރަމުން އަންނަ އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާ ރީފްގެ ދެބައިކުޅަ އެއްބައި މުރަކަ، ފާއިތުވީ 25 އަހަރެއްހާ ދުވަހުގެ ތެރޭގައި މަރުވެފައި ވާކަމަށާ، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން، އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް އެ ފަރަށް ލިބެމުން ދާ ކަމަށް ސައެންސްވެރިން އިންޒާރު ކޮށްފިއެވެ.
ޕްރޮސީޑިންގްސް އޮފް ދަ ރޯޔަލް ސޮސައިޓީ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއެއް ބުނާ ގޮތުގައި، އޮސްޓްރޭލިއާގެ އިރު-އުތުރު އައްސޭރިފަށުގައި ފެތުރިފައިވާ ގްރޭޓް ބެރިއާ ރީފްއިން މުރަކަތައް މަރުވުމުގެ މައްސަލަ، 1990ގެ އަހަރުތަކުގެ މެދަކާ ހިސާބުން ފެށިގެން، ހުރިހާ ސައިޒެއްގެ ގާތަކަކަށް ވަނީ ކުރިމަތިވެފައެވެ.
ދިރާސާ ޓީމުން ފާހަގަކޮށްފައި ވާ ގޮތުގައި އެންމެ ބޮޑު ގެއްލުންތަކެއް ލިބިފައި ވަނީ ބޮޑެތި މުރަކަތަކަށެވެ. އެގޮތުން، ފަރުގެ އުތުރުގެ ސަރަހައްދުތަކުން ބޮޑެތި މުރަކަތައް މުޅިންހެން ނެތި ގޮސްފައި ވާ ކަމަށް ދިރާސާ ޓީމުން ވަނީ ފާހަގަކޮށްފައެވެ.
ކުކް ޔުނިވާސިޓީގެ ޕްރޮފެސާ އަދި ދިރާސާގެ މުސައްނިފެއް ކަމަށްވާ ޓެރީ ހިއުޒް ވިދާޅުވީ، މީގެ 25 އަހަރު ކުރިއާ އަޅާ ބަލާއިރު ގްރޭޓް ބެރިއާ ރީފްގެ ބޮޑު މުރަކަ އާބާދީ 80 ނުވަތަ 90 ޕަސެންޓް ނެތި ގޮސްފައި ވާ ކަމަށެވެ.
ގްރޭޓް ބެރިއާ ރީފްއަކީ ދުނިޔޭގެ ތަރިކައިގެ ލިސްޓުން ޖާގަ ހޯދާފައިވާ މަންޒިލަކަށް ވީ ނަމަވެސް، ކަނޑުތައް ހޫނުވެ، ފަރުގެ ސިއްހަތަށް ގެއްލުންތަކެއްވެ، ފަރު ހަލާކުވަމުން ދިއުމުގެ ސަބަބުން، މިދަރަޖަ ގެއްލި ދިއުމުގެ ބިރާވެސް ވަނީ ކުރިމަތިވެފައެވެ. ދުނިޔެ ހޫނު ވަމުންދާ މިންވަރު 2 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް ގައުމުތަކުން ވެފައިވާ ވައުދު ފުއްދުމަށް އަމަލީ ގޮތުން މަސައްކަތް ނުފަށައިފިނަމަ، ގްރޭޓް ބެރިއާ ބެރިއާ ރީފް މަރުވަމުންދާ ދިއުމަށް ހައްލެއް ހޯދެން ނެތް ކަމަށްވެސް ސައެންސްވެރިން ގަބޫލުކުރާ ކަމަށްވެސް ހިއުޒް ވަނީ ފާހަގަކޮށްފައެވެ.
ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި ދުނިޔެ ހުއްޓުމަކަށް އައުމުގެ ކުރިން ގްރޭޓް ބެރިއާ ރީފްއަކީ އޮސްޓްރޭލިއާގެ ފަތުރުވެރިކަމުގެ ސިނާއަތަށް 4 ބިލިއަން ޑޮލަރު ކަށަވަރު ކޮށްދިން މަސްދަރެކެވެ.