ދެކުނު އޭޝިއާ ސަރަހައްދުގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިންޑިއާގެ އިގުތިސޯދަށް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ކާރިސާގެ ހިޔަނި އެޅި، އެގައުމުގެ އިގުތިސޯދީ ކުރިއެރުމުގެ ދުވެލި، މިހިނގާ 2020 ވަނަ އަހަރު 10.3 ޕަސެންޓް ދަށަށް ދާނެ ކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް) އިން ލަފާ ކޮށްފިއެވެ.

އައިއެމްއެފްއިން ސިލްސިލާ ގޮތެއްގައި ޝާއިއު ކުރަމުން އަންނަ ވޯލްޑް އިކޮނޮމިކް އައުޓްލުކްގެ އޮކްޓޯބަރު މަހުގެ އަދަދަށް ބަލާއިރު، މިހިނގާ 2020 ވަނަ އަހަރުގެ ތެރޭގައި އިންޑިއާގެ އިގުތިސޯދީ ކުރިއެރުމުގެ ދުވެލި، 10.3 ޕަސެންޓް ދަށަށް ދިޔަ ކަމުގައި ވީ ނަމަވެސް، ކުރިއަށް އޮތް 2021 ވަނަ އަހަރު، 8.8 ޕަސެންޓްގެ ކުރިއެރުމެއް ލިބޭނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.

މިއާއެކު، ދުނިޔޭގެ އެންމެ ނުފޫޒުގަދަ އިގުތިސޯދުގެ މަގާމަށް ފައި ވިއްދައިގެން އޮތް ސަރަހައްދީ ސުޕާޕަވަރ ޗައިނާގެ އިގުތިސޯދީ ކުރިއެރުމުގެ ދުވެއްޔަށް ވުރެވެސް އިންޑިއާގެ އިޤްތިސާދީ ދުވެލި ހަލުވިވެގެންދާނެ ކަމަށް އައިއެމްފްގެ އަންދާޒާތަކުން ދައްކައެވެ. އައިއެމްއެފްގެ އައުޓްލުކް ބުނާ ގޮތުގައި ޗައިނާގެ އިގުތިސޯދީ ކުރިއެރުމުގެ ދުވެލި އުޅޭނީ 8.2 ޕަސެންޓްގައެވެ.

ކަން މިހެން އޮތް ނަމަވެސް، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ތަހައްމަލު ކުރަންޖެހޭނެ ގައުމުތަކުގެ ލިސްޓުގައި އިންޑިއާ ހިމެނޭ ކަމަށް އައިއެމްއެފްއިން ބުނެއެވެ.

މިދިޔަ ހަފުތާގައި ވޯލްޑް ބޭންކުން އާންމުކުރި ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ކޮވިޑް-19 ފެތުރިގެން ދިއުމާއި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން އިންޑިއާގެ ބާޒާރުގައި ސަޕްލައިއާއި ޑިމާންޑަށް ވަނީ ނޭދެވޭ އަސަރުތަކެއް ފޯރާފައެވެ.