އިންޑިއާގެ ބައެއްގެ ގޮތުގައި އެ ގައުމުން ކަނޑައަޅާފައިވާ ލަދަކް ޔޫނިއަން ޓެރިޓަރީއާއި އަރޫނާޗަލް ޕްރަދޭޝް، އެގޮތުގައި ބަލައިނުގަންނަ ކަމަށް ޗައިނާގެ ހާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.
ޗައިނާގެ ހާރިޖީ ވުޒާރާއިން އާންމު ކޮށްފައި ވާ ބަޔާނެއްގައި ބުނެފައި ވަނީ ލަދަކް ޔޫނިއަން ޓެރިޓަރީ ހިމެނޭ ސަރަހައްދަކީ، އިންޑިއާއިން ޣައިރު ގާނޫނީ އިމުގެ ތެރެއިން ވެރިވެގެންފައިވާ ސަރަހައްދެއް ކަމަށެވެ.
އިންޑިއާއާއި ޗައިނާ ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި އިންޑިއާއިން ތަރައްގީ ކުރި 44 ބުރިޖެއް ރަސްމީކޮށް އިފްތިތާހް ކުރުމާ ގުޅިގެން އިންޑިއާ ހާރިޖިއްޔާގެ ތަރުޖަމާނަކު ވިދާޅުވީ، އަސްކަރީ ރޫހެއް އެކުލެވޭ ބޯޑަރު ސަރަހައްދުގައި އިންޑިއާއިން އުމްރާނީ ތަރައްގީގެ މަޝްރޫއު އެފަދަ ގޮތަކަށް ހިންގުމާ ޗައިނާއިން ދެކޮޅު ކަމަށެވެ. ދެ ފަރާތުގެ މަސްލަހަތަށް ބަލާއިރު، މަސްރަހު ގޯސްވެދާނެ އެއްވެސް ފިޔަވަޅެއް، 2 ފަރާތުން ކުރެ އެއް ފަރާތުންވެސް އަޅައިގެން ނުވާނެ ކަމަށާ، މަސްރަހު ސުލްހަ ކުރުމަށް ކުރަމުންދާ މަސައްކަތަށް އުނިކަން ގެނުވަނިވި އެއްވެސް ކަމެއް، އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެ ކަމަށްވެސް ޗައިނާގެ ހާރިޖިއްޔާއިން ވަނީ ބުނެފައެވެ.
ޗައިނާ ހާރިޖިއްޔާއިން ބުނީ، މި ފަހަކަށް އައިސް އިންޑިއާއާއި ޗައިނާއާ ދެމެދު ގުޅުންތައް ނުތަނަވަސްވުމުގެ ހަގީގީ މައްސަލައަކީވެސް، އިންޑިއާއިން ބޯޑަރު ސަރަހައްދުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސް، އެ ސަރަހައްދުގައި އަސްކަރީ ހަރަކާތްތައް ވަރުގަދަ ކުރުން ކަމަށެވެ.
އިންޑިއާއާއި ޗައިނާއިން މިލްކުވެރިކަމަށް ވަކާލާތު ކުރަމުންދާ ލަދަކް ސަރަހައްދުގައި، އިންޑިއާއިން ތަރައްގީ ކޮށްފައިވާ 44 ބުރިޖެއް އިއްޔެގެ ވަގުތެއްގައި އިފްތިތާހް ކޮށްދެއްވީ އިންޑިއާގެ ޔޫނިއަން ޑިފެންސް މިނިސްޓަރު ރާޖުނާތު ސިންހްއެވެ.
މި ބުރިޖުތަކަކީ ލަދަކް ޔޫނިއަން ޓެރިޓަރީގައި އަސްކަރީ ހަރަކާތްތައް ހިންގުމަށް ލުއިފަސޭހަކަން ހޯދުމަށް ތަރައްގީ ކުރި ބުރިޖުތަކެއް ކަމަށް ބުނެވެއެވެ. ކަން މިހެން އޮތްއިރު، އިންޑިއާގެ ވައިގެ އަސްކަރިއްޔާއިން ވަނީ، ކޮންމެ ދިމާލަކުންވެސް ޗައިނާއިން ދީފާނެ ހަމަލާއަކަށް އިންޑިއާގެ ވައިގެ އަސްކަރިއްޔާ ފުރިހަމައަށް ތައްޔާރުވެފައި ވާ ކަންވެސް އިއުލާންކޮށްފައެވެ.