މެލޭޝިއާގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމް، އެގައުމުގެ ރަސްގެފާނާ ބައްދަލު ކުރައްވާ، މެލޭޝިއާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ވަޑައިގަތުމަށް ގާނޫނު ހަދާ މަޖިލީހުގެ ތާއީދު އޭނާއަށް އެބަ އޮތްކަން ބަޔާންކޮށްދެނިވި ލިޔެކިއުންތައް ރަސްގެފާނަށް ހުށަހަޅުއްވައިފިއެވެ.

ރަސްގެފާނާ އެކު މިއަދު ހެނދުނު ކުރިއަށް ގެންދެވި ބައްދަލުވުމުގައި ލިޔެކިއުންތައް ހުށަހަޅުއްވާފައި ވާނެ ކަން، އަންވަރު ވަނީ މީޑިއާއަށް ކަށަވަރު ކޮށްދެއްވާފައެވެ. މިއާއެކު އޭނާ ވަނީ، ބޮޑުވަޒީރު ކަމުގެ މަގާމުގައި މިހާރު ހުންނެވި މުހްޔިއްދީން ޔާސީން އެ މަގާމުން އިސްތިއުފާ ދެއްވުމަށްވެސް ގޮވާލައްވާފައެވެ.

ގާތްގަނޑަކަށް ގަޑިއެއް ހާއިރަށް ދެމިގެންދިޔަ މަޝްވަރާތަކަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަންވަރު ވިދާޅުވީ، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ތާއީދު އޮތްކަން ރަސްގެފާނަށް ބަޔާންކޮށްދެއްވާފައި ވާނެ ކަމަށާ، މިއާއެކު ޕާޓީގެ ލީޑަރުންނާ ރަސްގެފާނު ބައްދަލުކުރައްވާނެ ކަމަށެވެ.

މެލޭޝިއާގެ އާ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީން (ވ) އަދި ކުރީގެ ބޮޑުވަޒީރު ޑރ މަހާތީރު މުޙައްމަދު/ފޮޓޯ: ރޮއިޓާޒް

އަންވަރު ވިދާޅުވާ ގޮތުގައި، 222 މެމްބަރުންގެ މައްޗަށް އެކުލެވޭ ގާނޫނު ހަދާ މަޖިލީހުގެ 120 މެމްބަރުންގެ ތާއީދު އޭނާއަށް ވަނީ ކަށަވަރުވެފައެވެ. މިއީ އާ ސަރުކާރެއް އެކުލަވާލުމަށް މަޖިލީހުގެ އަޣުލަބިއްޔަތު ކަށަވަރު ވެފައި ވާ ކަމަށް ހުސްވި މަހު އަންވަރު އިއުލާން ކުރެއްވި ފަހުން، ކަނޑައެޅިގެން ވަކި އަދަދެއް ހާމަ ކުރެއްވި ފުރަތަމަ ފަހަރެވެ.

އަންވަރު ވިދާޅުވީ ކުރިއަށް އަޅަން އޮތް ފިޔަވަޅަކާ މެދު ގޮތެއް ނިންމަވާނީ ރަސްގެފާނު ޢަބްދުﷲ ސުލްތޯން އަހުމަދު ޝާހް ކަމަށެވެ.

މެލޭޝިއާގެ ރަސްގެފާނުގެ އިދާރާއިންވެސް ވަނީ، އަންވަރު، ލިޔެކިއުންތަކެއް ހުށަހެއްޅުވި ކަން ހާމަ ކޮށްފައެވެ. ނަމަވެސް އަންވަރު ވިދާޅުވި ވާހަކަތައް ކަށަވަރު ކުރެވޭ ވަރުގެ ތަފްސީލުތަކެއް ހާމަކޮށްފައެއް ނުވެއެވެ.

ބޮޑުވަޒީރު ކަމުގެ މަގާމު އަންވަރަށް ކާމިޔާބު ކުރެވިއްޖެނަމަ އޭނާ ވަނީ، މެލޭޝިއާގެ ބޮޑުވަޒީރު ކަމުގެ މަގާމު މިއަހަރު ފުރުއްވާ 3 ވަނަ ސިޔާސީ ޝަހްސަށެވެ.

ބޮޑުވަޒީރު ކަމުގެ މަގާމުގައި މިހާރު ހުންނެވި މުހްޔިއްދީން ވިދާޅުވީ، ރަސްގެފާނުގެ ނިންމެވުމަށް ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށެވެ. ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވީ، ގާނޫނު ހަދާ މަޖިލީހުގެ ތާއީދު އެބައޮތް ކަމަށް ވިދާޅުވެ، އަންވަރު ދެއްކެވި ވާހަކަތަކަށް އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާކަމަށެވެ.

މެލޭޝިއާގައި ކޮވިޑް-19 ހޮޓްސްޕޮޓްގެ ގޮތުގައި ފާހަގަކުރެވުނު ސަރަހައްދުތަކުގެ ހުރިހާ ރަށްވެހިންގެ ޓެސްޓު ވަނީ ހަދާފަ/ފޮޓޯ: އަހުމަދު ޔުސްނީ

މެލޭޝިއާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ސިޔާސީ މައިދާނުގައި ގަދަ ހިފުމަކަށް މިސްރާބު ޖަހާފައިވާ މި ދަނޑިވަޅަކީ، މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ އާ ރާޅެއްގެ ނުރައްކާ، އެގައުމަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްކަން ފާހަގަ ކުރަންޖެހެއެވެ. މި ފަހަކަށް އައިސް ކޭސްތައް އިތުރުވާން ފަށާފައި ވާއިރު، މެލޭޝިއާ ގަޑިން މިރޭ ދަންވަރު 00:00 އިން ފެށިގެން 2 ހަފުތާގެ މުއްދަތަށް، ވެރިރަށް ކުއާލަލަމްޕޫރާއި އަވަށްޓެރި ސަލަންގޯރް ސްޓޭޓް ލޮކްޑައުން ކުރުމަށް ނިންމާފައެވެ.