ރާއްޖެ އާއި ޗައިނާއާ ދެމެދު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) އެއްބަސްވުމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ދެއްކެވި ވާހަކަތަކަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ރައްދު ދެއްވައިފިއެވެ.
އެފްޓީއޭއަކީ ސޮއިކުރަން ހެޔޮވާ ވަރުގެ އެއްބަސްވުމެއް ނޫން ކަމަށާއި އޭގެ ސަބަބުން ފައިދާ ތަކެއް ލިބެން ހުރި ނަމަވެސް ބޮޑެތި ގެއްލުންތަކެއް ވެސް ވާނެ ކަމަށާއި އެކަމުގެ ސަބަބުން ޒަމާނުއްސުރެ ގާއިމު ވެފައިވާ ވިޔަފާރީގެ ގުޅުންތައް ހަލާކުވެ ދާނެ ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވުމާ ގުޅިގެން ޗައިނާ ސަފީރު ރައްދު ދެއްވާ ވިދާޅުވީ، އެއީ ދެ ގައުމަށް ވެސް ފައިދާވާ ގޮތަށް ހަދާފައިވާ "ކޮލެޓީ ރަނގަޅު" އެއްބަސްވުމެއް ކަމަށެވެ.
މިހާތަނަށް 22 ގައުމަކާ އެކު ޗައިނާ އިން މިފަދަ 18 އެއްބަސްވުން ހަދާފައިވާ ކަމަށާއި އެއިން އެއްވެސް ގައުމަކާ، އެފްޓީއޭ ގެ ސަބަބުން ވިޔަފާރީގެ ގުޅުންތަކަށް ނޭދެވޭ އަސަރެއް ކޮށްފައި ނުވާނެ ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި އެއްބަސްވުމަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ހަދާފައިވާ އެއްބަސްވުމެއް ކަމަށް ޗައިނާ ސަފީރު ވިދާޅުވިއެވެ.
ޗައިނާ ސަފީރު އެފަދައިން ވިދާޅުވެފައި ވާއިރު، އެފްޓީއޭގެ އެއްބަސްވުމުގެ ވާހަކަ މިސަރުކާރުން ދައްކަނީ އެއްވެސް ޒިންމާދާރު ކަމެއް ނެތި ކަމަށާއި އެއީ އޮއްޓަރެއް ނެތް ވާހަކަ ތަކެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުވެސް ވަނީ ވިދާޅުވެފައެވެ.
ރާއްޖެއާ ޗައިނާއާ ދެމެދު އެފްޓީއޭ އެގްރީމަންޓުގައި ސޮއިކުރީ 2014 ވަނަ އަހަރުއެވެ. ރާއްޖޭގެ ފަރާތުން އެ އެގްރީމަންޓުގައި ސޮއިކުރެއްވީ ސައީދެެވެ. ސޮއެކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވަނީ ޗައިނާއާއެކު ފްރީ ޓްރޭޑް އެގްރީމަންޓެއް ގާއިމް ކުރުމަށް ކުރާ މަސައްކަތުގައި، އެއްބަސްވުމުގައި ސޮއިކުރަން ނިންމުމަކީ މަސްވެރިކަމާއި ޓޫރިޒަމްގެ ދާއިރާ އަށް ލިބުނު ވަަރަށް ބޮޑު ކުރިއެރުމެއް ކަށްވެސް ވިދާޅުވެފައެވެ.