އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ހަގީގަތް އޮޅޭ ފަދަ ވާހަކަ އެކުލެވޭ ކަމަށް ބަޔާންކުރާ ސިއްކަ، މަޝްހޫރު ސޯޝަލް މީޑިއާ ކުންފުނި، ޓްވިޓާއިން ޖަހައިފިއެވެ.

މީގެ 2 ހަފުތާއެއްހާ ދުވަސް ކިރިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވި ޓްރަމްޕުގެ ހަށިކޮޅުން އެހެން މީހަކަށް ބަލި ފެތުރުމުގެ ނުރައް ނެތް ކަމަށް އޭނާގެ ޑޮކްޓަރުން ނިންމަވާފައި ވަނިކޮށް، ޓްރަމްޕަކީ ކޮވިޑް-19އަށް އިމިއުން ނުބަތަ އެ ބައްޔަށް ދިފާއު ލިބިފައިވާ ފަރާތެއް ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓްގައި، ޓްވިޓާ ކުންފުނިން ވަނީ އިންޒާރުގެ ޓެގު އަޅުވާފައެވެ.

ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައިވެސް ޓްރަމްޕް ވަނީ އޭނާއަކީ ކޮވިޑް-19އަށް މިހާރު އިމިއުން ވެފައިވާ ފަރާތެއް ކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕްގެ ޓްވީޓެއް

ޓްރަމްޕްގެ ވާހަކަފުޅުތައް މިފަދަ ރޫހެއްގައި ހުރިއިރު ފާހަގަކުރަންޖެހޭ ކަމަކީ، އެއްވެސް މީހަކީ ކޮވިޑް-19އަށް އިމިއުން ވެފައިވާ މީހެއް ކަން ނުވަތަ ނޫންކަން، އަދި އިމިއުންވި ކަމުގައި ވީ ނަމަވެސް އެއީ ކިހާ މުއްދަތަކަށް ލިބުނު ފުރުސަތެއްކަން ސައެންސްގެ އަލީގައި އަދި އެއްވެސް ވަރަކަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ. އެހެންކަމުން، އެއްވެސް މީހަކީ އެ ބަލިން ދިފާއުވެފައިވާ މީހެއް ކަމަށް ކަނޑަ ނޭޅުމަށް ސިއްހީ ތަޖުރިބާކާރުން ގެންދަވަނީ ކެނޑިނޭޅި ވިދާޅުވަމުންނެވެ.

ނަމަވެސް މިފަދަ ވާހަކަފުޅުތަކަކާއެކު ޓްރަމްޕް ކުރެއްވި ޓްވީޓްގައި، ޓްވިޓާ ކުންފުނިން އެޅުވި އިންޒާރުގެ ލޭބަލްގައި ބުނެފައިވަނީ އެ ޓްވީޓަކީ، ޓްވިޓާގެ ގަވައިދުތަކާ ހިލާފަށް، ކޮވިޑް-19އާ ގުޅޭ ގޮތުން ނުރައްކާ އެކުލެވޭ، ހަގީގަތް އޮޅޭ ފަދަ މައުލޫމާތު އެކުލެވޭ ޓްވީޓެއް ކަމަށެވެ.