މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ކާރިސާގެ ތެރޭގައި، އަވަށްޓެރި އިންޑިއާގެ ދަނޑިވެރިކަމުގެ ސިނާއަތަށް ރެކޯޑް އަދަދުން ފައިދާ ވެފައި ވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މި އަހަރުގެ އޭޕްރިލް މަހާއި ސެޕްޓެމްބަރު މަހާ ދެމެދު ފާއިތުވީ މުއްދަތާއި 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު، ދަނޑުވެރިކަމުގެ ސިނާއަތުން މިއަހަރު މުދާ އެކްސްޕޯޓް ކުރި މިންވަރު 43 ޕަސެންޓް އިތުރުވެފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ. މި އަހަރުގެ އޭޕްރިލް މަހާއި ސެޕްޓެމްބަރު މަހާ ދެމެދު، އިންޑިއާގެ ދަނޑުވެރިކަމުގެ ސިނާއަތުން އެކްސްޕޯޓް ކޮށްފައިވަނީ 52626 ކްރޯރް ރުޕީޒްގެ އުފެއްދުން ކަމަށް ވާއިރު، 2019 ވަނަ އަހަރު މި އަދަދު އުޅުނީ 37397 ކްރޯރް ރުޕީޒްގައެވެ.

އިންޑިއާގެ ދަނޑުވެރިކަމުގެ ސިނާއަތަށް، މި އަހަރުގެ މި މުއްދަތުގައި ލިބުނު ފައިދާގެ މިންވަރު 9002 ކްރޯރް ރުޕީޒްއަށް އަރާފައި ވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ދަނޑުވެރިކަމުގެ އެކްސްޕޯޓް ސިނާއަތް ވަނީ 2133 ކްރޯރް ރުޕީޒްއިން ދަރަނިވެރި ވެފައި ކަމަށް، އިންޑިއާގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.

އިންޑިއާގައި މިހާރު ހިނގަމުންދާ މާލީ އަހަރުގެ ފުރަތަމަ 2 ކުއާޓަރުގައި ދަނޑުވެރިކަމުގެ ސިނާއަތުގެ އުފައްދުންތައް އެކްސްޕޯޓް ކުރި ގޮތަށް ބަލާއިރު، ގޮދަނާއި، ހަރު ހަނޑުލުގެ ބާވަތްތަކާ، ހަކުރުގެ އުފެއްދުންތަކުގެ ހިއްސާ ބޮޑުކަން ފާހަގަކުރަންޖެހެއެވެ. އިންޑިއާގައި މާލީ އަހަރު ގުނަނީ ކޮންމެ އަހަރެއްގެވެސް އޭޕްރިލް މަހުން، ޖެހިގެން އަންނަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ގޮދަނުގެ އުފެއްދުންތައް އެކްސްޕޯޓް ކުރި މިންވަރު 206 ޕަސެންޓް އިތުރުވިއިރު، ހަރު ހަނޑުލުގެ އުފެއްދުންތައް އެކްސްޕޯޓް ކުރި މިންވަރު ވަނީ 105 ޕަސެންޓް އިތުރުވެފައެވެ. ބާސްމަތީ ހަނޑޫ އެކްސްޕޯޓް ކުރި މިންވަރު 13 ޕަސެންޓް އިތުރުވިއިރު، ފިޔާ އެކްސްޕޯޓް ކުރި މިންވަރު ވަނީ 17 ޕަސެންޓް އިތުރުވެފައެވެ. މީގެ އިތުރުން ހަކުރު އެކްސްޕޯޓް ކުރި މިންވަރު 104 ޕަސެންޓް އިތުރުވިކަމަށް ރެކޯޑްތަކުން ދައްކައެވެ.

އޭޕްރިލް މަހާއި ސެޕްޓެމްބަރު މަހާ ދެމެދު އިންޑިއާގެ ދަނޑުވެރިކަމުގެ ސިނާއަތުން އެކްސްޕޯޓްކުރި މުދަލަށް ލިބުނު އާމްދަނީގެ ބޮޑު ޕަސެންޓް ހިއްސާކޮށްފައިވަނީ ބާސްމަތީ ހަނޑުލުގެ އެކްސްޕޯޓާ، ހަރު ހަނޑުލުގެ އުފެއްދުންތަކުގެ އެކްސްޕޯޓުން ކަން ފާހަގަކުރަންޖެހެއެވެ. 2019 ވަނަ އަހަރާއި އަޅާ ބަލާއިރު، އެކްސްޕޯޓް ދަށްވި އުފެއްދުންތަކުގެ ތެރޭގައި ސައިފަތާ، އަލުވި ފާހަގަކުރެވެއެވެ.