ސަރަހައްދީ ބާރުވެރިކަން ދެއްކުމަށް ޗައިނާއިން ހިންގަމުންދާ ޖަރީމާތަކުގެ ތެރެއިން، އިންޑިއާއާއި ޗައިނާ ހިއްސާކުރާ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ) ބޯޑަރު ސަރަހައްދުގެ ކޮންޓްރޯލް އަތުލުމަށް ޗައިނާއިން މަސައްކަތް ކުރީ ބާރުގެ ބޭނުން ކޮށްގެން ކަމަށާ، މިއީ މަޝްވަރާތަކާ ސުލްހައިގެ އެއްބަސްވުންތަކުގެ ތެރެއިން ޗައިނާގެ ސަރުކާރުން ކަމެއް ބަދަލު ނުކުރާނެ ކަން ގަބޫލު ކުރަން ވީ ވަގުތު ކަމަށް، އެމެރިކާ ގައުމީ ސަލާމަތާ ބެހޭ މުޝީރު ރޮބާޓް އޯ ބްރާޔަން ވިދާޅުވެއްޖެއެވެ.

މި ދަނޑިވަޅަކީ އޭޝިއާގެ އެންމެ ވަރުގަދަ 2 ބާރުގެ ގޮތުގައި އޮތް ޗައިނާއާއި އިންޑިއާއާ ދެމެދު ބޯޑަރު މައްސަލާގައި ނުތަނަވަސް ކަމެއް އުފެދި، ސިލްސިލާ މަޝްވަރާތަކެއް ދިގުލާ ގޮސްފައި ވާ ދަނޑިވަޅެކެވެ. ދެ ގައުމު ހިއްސާކުރާ ބޯޑަރުގައި އޮންނަ ލަދަކް ސަރަހައްދުގެ މިލްކުވެރި ކަމުގެ މައްސަލާގައި ދެ ގައުމުގެ ގުޅުން އިންތިހާއަށް ނުތަނަވަސް ވެފައިވާތާ 5 މަސް ދުވަސް ފާއިތުވީ އިރުވެސް މިކަމަށް ސުލްހަވެރި، ފުރިހަމަ ހައްލެއް އަދިވެސް ވަނީ ނުހޯދިއެވެ.

ބާރާއި ނުފޫޒު ފޯރުވުމަށް ޗައިނާއިން ހިންގަމުންދާ "ޖަރީމާ"ތައް ސިފަ ކުރައްވަމުން ބްރާޔަން ވިދާޅުވީ، ޗައިނާއިން މި ނުފޫޒު ފޯރުވަމުން ދަނީ ބައިނަލްއަގުވާމީ ތަރައްގީގެ މަޝްރޫއުތަކުގެ ނަމުގައި ކަމަށެވެ. އެގޮތުން "ވަން ބެލްޓް، ވަން ރޯޑް" އާއި އެހީގެ ލޯނުތަކުގެ ސްކީމްތަކުގައި މިކަމުގައި ޗައިނާއިން ޖަހަމުންދާ މަޅިއެއް ކަމަށް އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ވަނީ ތުހުމަތު ކުރައްވާފައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން ދަނީ ޗައިނާގެ އިގުތިސޯދީ އަދި ޓެކްނޮލޮޖީ އަޅުވެތިކަމުގެ ދަލުން އެމެރިކާގެ ރައްޔިތުން ސަލާމަތް ކުރުމުގެ ނަމުގައި، ޗައިނާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅިތަކެއް ތަންފީޒު ކުރަމުންނެވެ.