އިރުމަތީ އޭޝިއާގައި އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ލިސްޓުން ޖާގަ ހޯދާފައިވާ ދެކުނު ކޮރެއާގައި އާންމުން ދިރިއުޅުމަށް ބޭނުން ކުރަމުންދިޔަ އުސް އިމާރާތެއްގައި އަލިފާން ރޯވެ، 80 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައި ވާކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތަކުން ފެށިގެން ހުކުރު ދުވަހުގެ ހެނދުނު ގެ ނިޔަލަށްވެސް އަލިފާންގަނޑު މުޅިން ނިއްވާލެވިފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ. އަލިފާންގަނޑު އެއްކޮށް ނިއްވާލުމަށް އުނދަގޫވަނީ، ވައި ގަދަވުމުގެ ސަބަބުން ކަމަށްވެއެވެ.
އަލިފާން ރޯވެފައިވަނީ 33 ފަންގިފިލާގެ މައްޗަށް އެކުލެވޭ އެޕާޓްމަންޓް-އިމާރާތެއްގައި ކަމަށް ޚަބަރު ލިބެއެވެ. 120 ހައުސިންގް ޔުނިޓެއްގެ އިތުރުން، ވިޔަފާރިއަށް ހާއްސަ ޔުނިޓްތަކެއްވެސް ހުރި މި އިމާރާތުގައި ފުރަތަމަ އަލިފާން ރޯވީ، 8 ވަނަ ފަންގިފިލާއާއި 12 ވަނަ ފަންގިފިލާއާ ދެމެދު ހިސާބެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.
މަންޒަރު ދުށް މީހަކާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފައި ވާ ގޮތުގައި، އިމާރާތުގެ އެކި ހިސާބުތަކަށް އަލިފާންގަނޑު އެހާ ފަސޭހަ ކަމާއެކު ފެތުރިގެން ދިޔައީ އިންސިއުލޭޓް ކުރުން ފަދަ ކަމަކަށް އިމާރާތުގެ ބޭރުގައި ބޭނުން ކޮށްފައިވާ އެއްޗެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައި ނުވާއިރު، އަނިޔާ ލިބުނު މީހުންނަށްވެސް ލިބިފައި ވަނީ ކުދި ޒަހަމްތަކެއް ކަމަށް މައުލޫމާތު ލިބެއެވެ. އަދި ބައެއް މީހުންނަށް ކޮންމެވެސް ވަރަކަށް ދުމުގެ އަސަރު ކުރި ކަމަށްވެސް މައުލޫމާތު ލިބެއެވެ. ހާދިސާ ހިނގުމާއެކު އެތައް ސަތޭކަ މީހަކު އިމާރާތުން ބޭރަށް ނިކުމެފައި ވާއިރު، ކަމާ ބެހޭ ފަރާތްތަކުގެ އެހީއާއިއެކު 77 މީހަކު ސަލާމަތް ކުރި ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރެއެވެ.
ދެކުނު ކޮރެއާގެ ކަމާ ބެހޭ ފަރާތްތަކުން އަދިވެސް ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ.