ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގެ ކާރިސާއާ އެކު 115 މިލިއަން މީހަކު، އިންތިހާ ފަގީރު ކަމުގެ ހާލަތުގައި އުޅޭނެ ކަމަށް ލަފާކުރެވޭއިރު، މި ހިނގާ 2020 ވަނަ އަހަރަކީ ފާއިތުވީ 22 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް، އިންތިހާ ފަގީރުކަމުގައި އުޅޭ މީހުންގެ އަދަދު އިތުރުވާނެ އަހަރަކަށް ވާނެ ކަމަށް، ވޯލްޑް ބޭންކުން ލަފާ ކޮށްފިއެވެ.

އިންތިހާ ފަގީރުކަން ނައްތާލުމަށް ކުރަމުންދާ މަސައްކަތްތަކަށް، ހަނގުރާމަތަކާ، ހަމަނުޖެހުންތަކާ، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ހިޔަނި އެޅެމުންދަނިކޮށް ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމާއެކު، މިމަސައްކަތަށް ބުރޫ އަރާފައި ވާ ކަމަށްވެސް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ.

ދުނިޔޭގެ އަބާދީގެ 9.1 ޕަސެންޓްއާއި 9.4 ޕަސެންޓާ ދެމެދު އަދަދެއްގެ ބަޔަކަށް އިންތިހާ ފަގީރުކަމާ ކުރިމަތިލާން ޖެހޭނެ ކަމަށް ލަފާ ކުރެވޭ / ފޮޓޯ: ޔުނިސެފް

ވޯލްޑް ބޭންކުން ވަނީ، 2021 ވަނަ އަހަރު އަންނަ އިރު، އިންތިހާ ފަގީރު ކަމުގައި އުޅޭ މީހުންގެ އަދަދު 150 މިލިއަނަށް އިތުރުވުން އެކަށީގެންވާ ކަމަށްވެސް ލަފާ ކޮށްފައެވެ.

މި އިތުރުވުމަކީ، 1998 ވަނަ އަހަރު އޭޝިއާ ސަރަހައްދުން އުފެދުނު މާލީ ކާރިސާއާއިއެކު، ބައިނަލްއަގުވާމީ އިގުތިސޯދަށް އެރި ލޮޅުމަށްފަހު، އިންތިހާ ފަގީރު ކަން އިތުރުވާ ފުރަތަމަ ފަހަރަށް ވާނެއެވެ.

އިންތިހާ ފަގީރު ހާލަތުގައި ދިރިއުޅޭ ކަމަށް ބަލާ މިންގަނޑަކީ، (އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށްވެސް) ދުވާލެއްގެ މައްޗަށް 1.90 ޑޮލަރު (29.26 ރުފިޔާ) ނުލިބުމެވެ.

އިންތިހާ ފަގީރު ހާލަތުގައި ސަލާންޖަހަން އިން މީހަކު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ބިޒްނަސް ޓުޑޭ

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރިއަށް ބަލާއިރު، 2020 ވަނަ އަހަރު އިންތިހާ ފަގީރު ކަމުގައި ދިރިއުޅޭ މީހުންގެ ނިސްބަތް، 7.9 ޕަސެންޓަށް ދަށަށް ދާނެ ކަމަށް އޮތީ ލަފާ ކޮށްފައެވެ. ނަމަވެސް އަދުގެ ހާލަތަށް ބަލާއިރު، ދުނިޔޭގެ އަބާދީގެ 9.1 ޕަސެންޓްއާއި 9.4 ޕަސެންޓާ ދެމެދު އަދަދެއްގެ ބަޔަކަށް މި ކަމާ ކުރިމަތިލާން ޖެހޭނެ ކަމަށް، ވޯލްޑް ބޭންކުގެ "ބައިނިއަލް ޕަވަޓީ އެންޑް ޝެއާޑް ޕްރޮސްޕެރިޓީ ރިޕޯޓު" އިން ދައްކައެވެ.

ކަން މިހެން އޮތްއިރު، މީގެ އަނެއް ކޮޅުވެސް އެބަ އޮތެވެ. ކޮވިޑް-19 ކާރިސާ ވެފައިވަނީ މަހުޖަނުން އިތުރަށް މުއްސަނދި ކުރުވި ކަމަކަށެވެ. ވަކިން ހާއްސަކޮށް، ޓެކްނޮލޮޖީއާއި ސިނާއީ ދާއިރާގެ އިސްވެރިންނާއި އޯނަރުންގެ މިލްކިއްޔާތުގެ އަގު ރެކޯޑް މިންވަރުތަކަށް އިތުރުވެގެން ގޮސްފައިވާތީ ތަފާސް ހިސާބުތަކުން ދައްކައެވެ.

އިންތިހާ ފަގީރު ހާލަތުގައި ދިރިއުޅޭ ކަމަށް ބަލާ މިންގަނޑަކީ، ދުވާލެއްގެ މައްޗަށް 1.90 ޑޮލަރު ނުލިބުން / ފޮޓޯ: މުސްލިމްހޭންޑްސް

ދުނިޔޭގެ ބިލިއަނަރުންގެ މިލްކިއްޔާތުގެ އަގު، ރެކޯޑް މިންވަރަކަށް އުފުލިފައި ވާ ކަމަށް، ރެކޯޑްތަކުން ދައްކައެވެ. "ރައިޑިންގް ދަ ސްޓޯމް" ގެ ނަމުގައި ސުވިސް ބޭންކް ޔޫބީއެސްއާއި ޕީޑަބްލިއުސީއިން އާންމުކޮށްފައިވާ ރިޕޯޓަށް ބަލާއިރު، މިއަހަރުގެ 2 ވަނަ ކުއާޓަރުގައި ދުނިޔޭގެ ބިލިއަނަރުންނަށް ލިބުނު އާމްދަނީ ވަނީ 10.2 ޓްރިލިއަން ޑޮލަރަށް އަރާފައެވެ. މިއީ 2017 ވަނަ އަހަރު ގާއިމު ކުރި ރެކޯޑް މުގުރާލި އަދަދެކެވެ.

ހަމަ މިއާއެކު، ބިލިއަނަރުންގެ އަދަދުވެސް އިތުރު ވެފައި ވާ ކަން ފާހަގަކުރަންޖެހެއެވެ. 2017 ވަނަ އަހަރު ދުނިޔޭގެ ބިލިއަނަރުންގެ ގޮތުގައި 2158 މީހަކު ފާހަގަކޮށްފައި ވާއިރު، މި އަދަދު މިހާރު ވަނީ 2189 އަށް އަރާފައެވެ.

މިފަދަ ހާލެއްގައި ދުނިޔެ އޮތް އިރު، ވޯލްޑް ބޭންކުން ވަނީ ކޮވިޑް-19އަށް ފަހު މުޅިން ތަފާތު އިގުތިސޯދަކަށް ގައުމުތައް ތައްޔާރު ވުމަށް ގޮވާލާފައެވެ. އެގޮތުން ރައުސުލްމާލާ، މަސައްކަތްތެރިންނާ، ހުނަރުވެރިކަމާ، އާ އީޖާދުތައް، އާ ވިޔަފާރިއާއި އާ ދާއިރާތަކަކާ ދިމާއަށް މިސްރާބު ބަދަލު ކުރުމަށް ވޯލްޑް ބޭންކުން އިރުޝާދުދެއެވެ.

ހަނގުރާމަތަކާ، ހަމަނުޖެހުންތަކާ، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އިންތިހާ ފަގީރުކަން ނައްތާލުމަށް ހުރަސް އެޅޭ / ފޮޓޯ: މިޑްލްއީސްޓްމޮނިޓާ

މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި ކޮވިޑް-19ގެ ކާރިސާއާ ގުޅިގެން ގައުމުތަކަށް ކުރިމަތިލާންޖެހިފައިވާ ނުތަނަވަސްކަމުން އަރައިގަތުމަށް، ވޯލްޑް ބޭންކުން މިހާރުވެސް ދަނީ ފަގީރު ހާލުގައި އޮތް 100 އަށް ވުރެ ގިނަ ގައުމަށް، އެހީއާއި ލުއި-ލޯނުގެ ގޮތުގައި 160 ބިލިއަން ޑޮލަރު ފޯރުކޮށްދެމުންނެވެ. ވޯލްޑް ބޭންކުގެ އެހީ ލިބޭ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނެއެވެ.