ދިރާގު ޕޭ މެދުވެރިކޮށް ކުރާ ކޮންމެ ވިޔަފާރިއަކަށް ކޭޝް ބެކް ނުވަތަ އިތުރު ފައިސާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން ބުނީ މިދިޔަ އާދިއްތަ ދުވަހު ފެށި އެ ޕްރޮމޯޝަނުގެ ދަށުން ކަސްޓަމަރުންނަށް ދިރާގު ޕޭ ބޭނުންކޮށްގެން ބިލު ދައްކައި، ރީލޯޑްކޮށް ނުވަތަ ވިޔަފާރި ކުރުމުން ވަގުތުން ބިލުގެ ފަސް ޕަސެންޓް އަނބުރާ ދިރާގު ޕޭ ވޮލަޓަށް ޖަމާވެގެން ދާނެ ކަމަށެވެ.

އެގޮތުން ދިރާގު ޕޭ ބޭނުން ކުރާ ކަސްޓަމަރުންނަށް ކޮންމެ ހަފްތާއަކު ވެސް ގިނަވެގެން 100 ރުފިޔާ ޖަމާވާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގުން ބުނީ އެ ފައިސާ ޖަމާވުމުން، އެކަން އެންގުމުގެ ގޮތުން ކަސްޓަމަރުންނަށް ދިރާގުން އެސްއެމްއެސްއެއް ފޮނުވާނެ ކަމަށެވެ. އަދި ކަސްޓަމަރުންނަށް ދިރާގު ޕޭ އެޕުން "ޓްރާންސެކްޝަން ހިސްޓަރީ" ފަސޭހަކަމާއެކު ބަލާލައި، ކޭޝްބެކްގެ ގޮތުގައި ލިބުނު އަދަދު ރަނގަޅުތޯ ބަލައިލެވޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގުޕޭގެ ހިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 300 އަށްވުރެ ގިނަ ވިޔަފާރިތަކުން ބޭނުންކުރޭއިރު އޭގެ ތެރޭގައި ޑެލިވަރީގެ ހިދުމަތް ދޭ މަޝްހޫރު ކެފޭ ރެސްޓޯރަންޓް، ފިހާރަ، ސެލޫން އަދި ހޮސްޕިޓަލްތަކާއި މިނޫންވެސް އެކި ސިނާއަތްތަކުގެ ވިޔަފާރިތައް ހިމެނެއެވެ.

ދިރާގުން ބުނީ ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ ނެޓްވޯކެއްގެ، ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާ ދައްކާ، ފައިސާ ޖަމާކޮށް އެކަކު އަނެކަކަށް ފައިސާ ޓްރާންސްފާ ވެސް ކުރެވޭނެ ކަމަށާއި ދިރާގު ޕޭއަށް "ކޭޝް އިން" ނުވަތަ ފައިސާ ޖަމާކުރަން ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ޓްރާސްފާ ބޭނުންކުރެވޭނެ ކަމަށެވެ.