ޓެކްނޮލޮޖީގެ ދުނިޔޭގެ އެންމެ ބޮޑު އެއް ހަރަކާތުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން އަންނަ "އެޕަލް އިވެންޓް"ގެ މިއަހަރުގެ އެޑިޝަނަށް ދައުވަތު ފޮނުވައިފިއެވެ.

އޮންލައިން ޕްލެޓްފޯމުގައި ކުރިއަށް ގެންދާ މި އިވެންޓް ކުރިއަށްދާނީ އޮކްޓޯބަރު 13 ވަނަ ދުވަހު ކަމަށް ޚަބަރު ލިބެއެވެ.

މި އިވެންޓަކީ އެޕަލްގެ ފޭނުން އެންމެ އިންތިޒާރު ކުރަމުންދާ އައިފޯން12 ގެ ސީރީޒް ރަސްމީކޮށް ތައާރަފުކުރާނެ އިވެންޓަށް ވާނެ ކަމަށް ބެލެވެއެވެ. އާ އުފެއްދުންތައް ތައާރަފު ކުރާ އިވެންޓަކީ އެޕަލް ކުންފުނިން އާންމުކޮށް ސެޕްޓެމްބަރު މަހު ކުރިއަށް ގެންދާ އިވެންޓެއް ނަމަވެސް، މިއަހަރުގެ އިވެންޓް ފަސްކޮށްފައި ވަނީ، މުޅި އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސަބަބުން ކަމަށް ޚަބަރު ލިބެއެވެ. ނަމަވެސް އެޕަލްއިންވަނީ އެޕަލް ވޮޗްއާއި އައިޕެޑްގެ އާ މޮޑެލްތަކެއް ސެޕްޓެމްބަރު މަހު ތައާރަފުކޮށްފައެވެ.

ކަން މިހެން އޮތް ނަމަވެސް، އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދަނީ އައިފޯން12 ގެ ސީރީޒްއަށެވެ. ޓެކްނޮލޮޖީގެ ޚަބަރުތަކަށް ބަލާއިރު، މިއަހަރު އައިފޯން12 ސީރީޒްގެ 4 މޮޑެލްއެއް އެޕަލްއިން ތައާރަފު ކުރާނއެވެ. އެއީ 5.4 އިންޗީގެ އައިފޯން12، 6.1 އިންޗީގެ އައިފޯންމެކްސް އަދި އައިފޯން12 ޕްރޯ އާއި 6.7 އިންޗީގެ އައިފޯން12 ޕްރޯ މެކްސްއެވެ.

މިއީ ހައްތަހާވެސް އަޑު ފެތުރިފައިވާ ނަންތަކެވެ. މޮޑެލްތައް ކަށަވަރު ވާނީ އޮކްޓޯބަރު 13 ވަނަ ދުވަހުގެ އިވެންޓުގައެވެ.