އައްޑޫ ސިޓީގައި ދޮންދީނި ހިމާޔަތް ކުރުމަށް އެ ސިޓީގެ ކައުންސިލުން ކާޅު ނައްތާލުމުގެ ކަންކަން ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމުގެ ހުއްދަ އެންވާރަމަންޓް މިނިސްޓްރީން ދީފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫ ސިޓީގެ އަވަށްތަކަށް ކާޅުތަކެއް ދޫކުރުމުގެ ސަބަބުން ދޮންދީނިތަކަށް އެ ކާޅުތަކުގެ ނުރައްކާ ކުރިމަތިވާކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބިފައިވާ ކަމަށެވެ. އެގޮތުން އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ އާއި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގައި އެ ކާޅުތައް ނައްތާލުމުގެ ހުއްދައަކަށް ކައުންސިލުން ވަނީ އެދިފައެވެ.
އެކަމާ ގުޅިގެން އެންވާރަމެންޓް މިނިސްޓްރީން ބުނީ އައްޑޫސިޓީގެ ދޮންދީދީގެ އާބާދީއަށް ކާޅުގެ ސަބަބުން ގެއްލުންތަކެއް ވަމުންދާކަން ފާހަގަކޮށް އެކާޅުތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ ލަފައަކަށް އެދިފައިވާ ކަމަށެވެ.
ކާޅަކީ އައްޑޫގައި އާއްމުގޮތެއްގައި އުޅޭ ބާވަތުގެ ދޫންޏަކަށް ނުވާތީ އަދި އޭގެ ސަބަބުން އުނދަގުލަކަށް ވާނަމަ އެއީ ޕެސްޓެއްގެ ގޮތުގައި ބަލާ އަޅަންޖެހޭ ފިޔަވަޅުތަކެއް އެޅިދާނެ ކަމަށް ފެންނަ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 42 މާއްދާގެ (ޓ) ގައި ވާފަދައިން ޕެސްޓް ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރަންޖެހޭ ކަމެއް ކަމުގައި ކަނޑައަޅާ އެކަމެއް އެގޮތަކަށް ކުރުމަށް މިނިސްޓްރީގެ އިއުތިރާޒެއް ނެތް ކަމަށް އެންވާރަމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ޕެސްޓް ކޮންޓްރޯލް ކުރުމުގެ މަސައްކަތެއް ކުރިއަށް ގެންދިޔުމަށްޓަކާ އަމަލު ކުރަން ގަސްދުކުރާ ކަމެއް ތަންފީޒުކުރުމަށް ސަރުކާރުގެ އެއްވެސް ދާއިރާއެއްގެ އެހީތެރިކަން ބޭނުންވާނަމަ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯއްދުމަށް ވެސް ވަނީ އެދިފައެވެ. އަދި އެކަމުގައި އެ މިނިސްޓްރީގެ އެހީތެރިކަން ބޭނުންވާ ކަމެއް އޮތްނަމަ އެ ކަމެއް ވެސް އެންގުމަށް ވަނީ އެދިފައެވެ.
މިނިސްޓްރީން އިތުރަށް ބުނީ ޕެސްޓް ކޮންޓްރޯލް ކުރުމުގެ ގޮތުން އައްޑޫގައި ދިރިއުޅޭ ކާޅުތަކާއި މެދު އަމަލު ކުރައްވާ ގޮތެއްގެ މައުލޫމާތު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް ދިނުމަށާއި ޕެސްޓް ކޮންޓްރޯލް ކުރުމަށް ހިންގާ ހަރަކާތްތައް މޮނިޓާކުރަން އެޖެންސީއިން ބޭނުންވާނަމަ އެކަން ކުރެވޭނެފަދަ ގޮތަކަށް އެކަން ރާވާ ހިންގުން ވެސް އެދޭ ކަމަށެވެ.