ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް، އިންގްލަންޑް އިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 16000 ކޭހެއް ރިޕޯޓް ނުކުރެވި އޮތީ، ތަފާސް ހިސާބުތައް ބެލެހެއްޓުމަށް، މައިކްރޮސޮފްޓް އެކްސެލް ބޭނުން ކުރުމުން ކަން ހާމަވެއްޖެއެވެ.
މިކަމުގައި ޒިންމާ ވާން ޖެހެނީ އިންގްލަންޑްގެ އާންމު ސިއްހަތާ ބެހޭ އިދާރާ (ޕީއެޗްއީ) އިން ކަންވެސް މިހާރު ވަނީ ހާމަވެފައެވެ.
ހަގީގީ މައްސަލައަކަށް ވީ މައިކްރޮސޮފްޓް އެކްސެލް ބޭނުން ކުރުން އެކަންޏެއް ނޫނެވެ. މައްސަލަ ދިމާވީ، ކޮވިޑް-19 ޖައްސާ ވައިރަހުގެ އަސަރު ހުރި މީހުން ދެނެގަތުމަށް ހެދި ސްވަބް ޓެސްޓުތަކުގެ ނަތީޖާ އެނަލައިޒް ކުރުމަށް ހަވާލުކޮށްފައިވާ ވިޔަފާރި ކުންފުނިތަކުން ފޯރުކޮށްދިން ތަފާސް ހިސާބުތަކުގެ ލޮގްތައް އެއް ކުރުމުގެ ތެރޭގައި ކަމަށް ވެއެވެ.
ޕްރައިވެޓް ކުންފުނިތަކުން ތަފާސް ހިސާބުތައް ފޯރުކޮށްދިނީ ޓެކްސްޓް-ބޭސްޑް ފައިލް، ނުވަތަ ސީވީއެސް ފައިލްތަކެއްގެ ގޮތުގައެވެ. މި ކުންފުނިތަކުން ފޯރުކޮށްދިން ފައިލްތަކުން މައުލޫމާތު، އެކްސެލް ޓެމްޕްލޭޓަކަށް ނެގުމަށް އޮޓޮމެޓިކް ޕްރޮސެސްއެއް ގާއިމުކުރީ ޕީއެޗްއީއިންނެވެ. އެއީ މަރުކަޒީ ސިސްޓަމަށް މައުލޫމާތު ނަގާ، ނޭޝަނަލް ހެލްތް ސާވިސްގެ ޓެސްޓް އެންޑް ޓްރޭސް ޓީމަށް މައުލޫމާތު ފޯރުކޮށްދިނުމަށާ، ސަރުކާރުން ހިންގާ އެހެން ޑޭޝްބޯޑުތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށެވެ.
މި މަރުހަލާގައި މައްސަލަ ދިމާވީ، ޕީއެޗްއީގެ ޑިވަލޮޕަރުންނަށް ހެދުނު ގޯހަކުންނެވެ. އޮޓަމެޓިކް މައުލޫމާތު ދަމައިގަތުމަށް ޕީއެޗްއީގެ ޑިވަލޮޕަރުން ބޭނުންކުރީ، އިހުގައި ބޭނުން ކުރި އެކްސްއެލްއެސް ފައިލް ފޯމެޓެވެ.
ނަތީޖާއަކަށްވީ، ކޮންމެ ޓެމްޕްލޭޓެއްގައި 65000 އަށް ވުރެ ގިނަ ބަރި (ރޯ) ނުހެދުމެވެ. އެކްސެލް ޓެމްޕްލޭޓެއްގައި އާންމުކޮށް 1 މިލިއަނަށް ވުރެ ގިނަ ރޯ ހެދޭނެއެވެ.
ކޮންމެ ޓެސްޓެއްގެ ނަތީޖާ އެންޓާ ކުރުމަށް އެއް ރޯ އަށް ވުރެ ގިނަ ރޯ ބޭނުންވާއިރު، ޕީއެޗްއީގެ ޑިވަލޮޕަރުންނަށް ހެދުނު ގޮތުން، ކޮންމެ ޓެމްޕްލޭޓެއްގައި އެންމެ ގިނަ ވެގެންވެސް ހިމެނޭނީ 1400 ކޭހެވެ. އެންމެ ގިނަ ވެގެން ރޯ ހެދޭނެ މިންވަރު ހަމަވުމުން، ބާކީ އޮތް ބައި އެގޮތުގައި "އުވިފައި" އޮތީއެވެ.
ޕީއެޗްއީގެ ޑިވަލޮޕަރުން ބޭނުން ކުރި ފޯމެޓަކީ 1987 ގެ ފޯމެޓެކެވެ. 2007 ވަނަ އަހަރު މައިކްރޮސޮފްޓްއިން ތައާރަފު ކުރި އެކްސްއެލްއެސްއެކްސް ފޯމެޓް ބޭނުން ކުރި ނަމަވެސް 16 ގުނަ އިތުރަށް ކޭސް ލޮގް ކުރެވުނީހެވެ.
ޕީއެޗްއީއިން އެކްސްއެލް ބޭނުންކޮށްގެން މިވަރުގެ ބޮޑު ގޯހެއް ހަދާފައިވާއިރު، ގިނަ ބައެއްގެ ފާޑުކިއުންތައް ދަނީ އަމާޒުވަމުންނެވެ. ފުރަތަމަ ކަމަކީ، ފޯމެޓްގެ ތަފާތަކީ ސްކޫލްގައި އުޅޭ ކުއްޖަކަށްވެސް ވިސްނޭނެ ފަރަގެއް ކަމަށް ވުމެވެ. ދެވަނަ ކަމަކީ، ގައުމީ ފެންވަރުގައި މައުލޫމާތު އެއްކުރުމަށް އެކްސްއެލް ބޭނުން ކުރުމެވެ. ޔުނިވާސިޓީ އޮފް ކޭމްބްރިޖުގެ ޕްރޮފެސާ ޖޯން ކްރޯކްރޮފްޓް ވިދާޅުވާ ގޮތުގައި، އެކްސްއެލްއަކީ އަމިއްލަ، ކުދި ކުންފުނިތަކަށް އެކަށޭނަ ޕްރޮގްރާމެކެވެ.