ހިތާމައާއިއެކު ފާހަގަކުރަން ޖެހޭ ކަމަކީ، ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީކޯސް) އާއި ޕޮލިސިސްޓިކް އޯވަރީ ޑިޒީޒް (ޕީސީއޯޑީ) އަކީ މިއަދު ދިވެހިންނަށް އާ ނަންތަކަކަށް ނުވާކަމެވެ. ވަކިން ހާއްސަކޮށް، ދަރިމައިވުމުގެ އަންހެނުންގެ މެދުގައި ޕީކޯސްއާއި ޕީސީއޯޑީއަކީ އާންމު ނަމަކާ، ބައްޔެކެވެ. ހޯމޯން ޑިސްއޯޑާއެއްގެ ގޮތުގައި ސިފަކުރެވޭ ޕީކޯސްއާއި ޕީސީއޯޑީ ޕޭޝަންޓެއްގެ ހަށިގަނޑުން ފެންނަ އާންމު އަލާމާތްތަކުގެ ތެރޭގައި، ގަވައިދުން މައްސަރުކަންތައް ނުޖެހުން، ބަރުދަން އިތުރުވުން އަދި އިސްތަށި ފޭބންނ ހިމެނެއެވެ.

ފާއިތުވީ 10 އަހަރެއްހާ ދުވަހަށް ބަލާއިރު، މި ބަލިތައް ޖެހޭ މީހުންގެ އަދަދުތައް، ދުނިޔޭގެ ނިސްބަތުންވެސް އިތުރުވެފައިވާކަން ފާހަގަކުރަންޖެހެއެވެ. ނަމަވެސް، ޕީކޯސްއާއި ޕީސީއޯޑީއާ ގުޅިގެން އަދިވެސް، ނުރަނގަޅު މައުލޫމާތުތަކެއް ދައުރުވާ ކަމީ އިންތިހާއަށް ހިތާމަކުރަންޖެހޭ ކަމެކެވެ. އެހެންކަމުން، މި ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ އަހިލާ ޖޯޝީ، މިކަމާ ގުޅިގެން ތަފްސީލުކޮށްދެއްވާފައިވާ ބައެއްކަންކަން ހުލާސާ ގޮތެއްގައި ހިއްސާކޮށްލާނަމެވެ.

1. ގަވައިދުން މައްސަރުކަންތައް ނުޖެހުމަކީ ޕީކޯސް ނުވަތަ ޕީސީއޯޑީ

ޑރ އާހިލާ ވިދާޅުވާ ގޮތުގައި ގަވައިދުން މައްސަރުކަންތައް ނުޖެހިދާނެ ކިތަންމެ ސަބަބެއް އެބަހުއްޓެވެ. އެއީ ކޮންމެހެން ޕީކޯސް ނުވަތަ ޕީސީއޯޑީގެ ސަބަބުން ވާ ކަމެއް އެކަންޏެއް ނޫނެވެ. ޑރ އާހިލާ ވިދާޅުވާ ގޮތުގައި، ކެއިންބުއިމުގެ އާދަތައް ހުންނަ ގޮތާ، ގާތުން ކިރު ދިނުމާއި އެނޫންވެސް ގޮތް ގޮތުން ހޯމޯންތަކަށް ބަދަލު އައުމަކީވެސް ގަވައިދުން މައްސަރުކަންތައް ނުޖެހިދާނެ ސަބަބުތަކެވެ. މީގެ އިތުރުން، ޔޫޓްރެސްއަށް މައްސަލަ ކުރިމަތިވާ އަންހެނުންނަށްވެސް ގަވައިދުން މައްސަރުކަންތައް ނުޖެހިދާނެ ކަން ޑރ އާހިލާ ފާހަގަކުރެއްވިއެވެ.

މައިމީހާގެ ބަނޑުގައި ތުއްތު ދަރިފުޅު ޣަރަބު ގަންނަމުން އަންނަ މަންޒަރު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ސީޖީއައި ތަސްވީރެއް/ފޮޓޯ: އޯބީޖީންޑޮޓްނެޓް

ކަންމިހެން އޮތުމުން، އެމީހަކު ހައިޟުވާ މުއްދަތަށް ބަލައިގެން، ޕީކޯސް ނުބަތަ ޕީސީއޯޑީ ޕޭޝަންޓެއް ކަމަށް ނިންމެން ނެތްކަމަށްވެސް ޑރ އާހިލާ ވިދާޅުވިއެވެ. އަމިއްލަ މިކަން ނިންމައިގެންވެސް ނުވާނެއެވެ. ގަވައިދުން މައްސަރުކަންތައް ނުޖެހޭނަމަ، ކަމާ ބެހޭ ސިއްހީ މާހިރުންގެ ލަފައާއި އިރުޝާދު ހޯދާ، ރަނގަޅަށް ބަލި ދެނެގަންނާށެވެ.

2. ޕީކޯސް ނުވަތަ ޕީސީއޯޑީގެ ޝިކާރައަކަށް ވަނީ ހަމައެކަނި ފަލަ މީހުން

ޕީކޯސްއާއި ޕީސީއޯޑީ އެންމެ އާންމުކޮށް ފެންނަނީ އާދަޔާ ހިލާފަށް ފަލަކޮށް ތިބޭ މީހުންގެ ކިބައިން ކަން ޑރ އާހިލާވެސް ގަބޫލުކުރައްވައެވެ. ނަމަވެސް، އޭގެ މާނައަކީ ހިކޮކޮށް ތިބޭ މީހުންނަށް މިކަން ކުރިމަތި ނުވުމެއް ނޫނެވެ. ހަށިގަނޑުގައި ބަރުދަން ހުންނަންޖެހޭ ގިންތީގައި ހިފަހައްޓާލާ މީހުންނަށްވެސް މިމައްސަލަ ކުރިމަތިވެއެވެ. ބައެއް ފަހަރު ހޯމޯން މައްސަލަތަކަކާއެކުވެސް މިކަން ކުރިމަތިވެއެވެ. އެގޮތުން އެންޑްރޯޖެންއާއި އިންސިއުލިން، މިކަމުގައި ދައުރެއް އަދާކުރެއެވެ.

ޕީކޯސްއާއި ޕީސީއޯޑީއަކީ ހަމައެކަނި ފަލަ މީހުންގެ ބައްޔެއް ކަމަށް ކުރެވޭ ކުށް ހީތަކުގެ ސަބަބުން، އެނޫން މީހުން، ބަލީގެ އަލާމާތްތަކަށް ފުރަގަސްދޭ ގޮތްވެ، ހާލަތު ގޯސްވެފައި އެބަހުރިކަން ޑރ އާހިލާ ފާހަގަކުރައްވެއެވެ.

3. ޕީކޯސް ޕޭޝަންޓުން އަބަދުވެސް ދޭތެރެ ދުރުކުރާ ބޭސް ބޭނުން ކުރޭ

މިއީވެސް ޕީކޯސް އާއި ގުޅިގެން ކުރެވިފައި އޮންނަ ބޮޑު ކުށް ހީއެކެވެ. ޑރ އާހިލާ ވިދާޅުވާ ގޮތުގައި، މިފަދަ ބޭސްތަކުގެ ސަބަބުން ވާނެ ހަމައެކަނި ކަމަކީ، ބަލީގެ އާލާމަތްތައް ކުޑަކޮށްލުމެވެ. ހަގީގީ މައްސަލަ ދެމި އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ދޭތެރެ ދުރުކުރާ ބޭސް ނުވަތަ ބާތުކޮންޓްރޯލް ޕިލްސްއަކީ އެއްވެސް ހާލެއްގައި، ޕީކޯސްއާއި ޕީސީއޯޑީގެ ދާއިމީ ފަރުވާއެއް ނޫނެވެ.

ޑރ އާހިލާ ވިދާޅުވީ، މި ބަލިން ރަނގަޅުވުމަށްޓަކައި، ޕީކޯސް ނުވަތަ ޕީސީއޯޑީގެ ހާލަތު މެދުވެރިވި އަސްލު ސަބަބު ދެނެގަނެ، ސީދާ އެކަމަށް ފަރުވާ ކުރުން މުހިންމު ކަމަށެވެ.

4. ޕީކޯސް އަދި ޕީސީއޯޑީ ޕޭޝަންޓުންނަށް ދަރިންނެއް ނުލިބޭނެ

މިއީ ޕީކޯސް އަދި ޕީސީއޯޑީ ޕޭޝަންޓުންނާ ގުޅިގެން ކުރެވޭ އެންމެ ބޮޑު ކުށް ހީއެވެ. އެކަށީގެންވާ ސައްހަ މައުލޫމާތު ލިބިފައި ނެތުމުން، ޚުދު ޕޭޝަންޓަށްވެސް މިކަން އޮންނަނީ އޮޅިފައެވެ. މާޔޫސްވެ، ނުތަނަވަސްކަމަކަށް ގެނބިފައެވެ.

ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީކޯސް) އާއި ޕޮލިސިސްޓިކް އޯވަރީ ޑިޒީޒް (ޕީސީއޯޑީ) އާއި ކުރެވޭ ކުށް ހީ ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައިވާ ހިޔާލީ ކުރެހުމެއް/ފޮޓޯ: ގްލެމް

ޑރ އާހިލާ ވިދާޅުވާ ގޮތުގައި މިއީ އަދި ރަނގަޅު ގަބޫލުކުރުމެއް ނޫނެވެ. ޕީކޯސް އާއި ޕީސީއޯޑީ ޕޭޝަންޓުން ދަރިން ހޯދުމަށް، އެނޫން މީހުންނަށްވުރެ ކުޑަތަންކޮޅެއް ބުރަކޮށް މަސައްކަތް ކުރަންޖެހިދާނެއެވެ. މިކަން ދިމާވަނީ، ދަރިމައިކުރާ ބިހުގެ ކޮލިޓީގެ ސަބަބުންނެވެ. ނަމަވެސް އޭގެ މާނައަކީ، ޕީސީއޯޑީއާއި ޕީކޯސް ޕޭޝަންޓުންނަށް އެއް ގޮތަކަށް ދަރިން ނުލިބޭނެ ވާހަކަ ނޫން ކަންވެސް ޑރ އާހިލާ ވަނީ ފާހަގަކުރައްވާފައެވެ.

ޑރ އާހިލާ ވަނީ ފައިދާ ހުރި ކާނާ ބޭނުން ކުރުމުގެ މުހިންމު ކަން ފާހަގަކުރައްވާފައެވެ. ގަވައިދުން ކަސްރަތު ކުރުމާ، ހަމަ ނިދި ހޯދުމާ، ސްޓްރެސް މެނޭޖު ކުރުމަކީވެސް މުހިންމު ފަރުވާއެކެވެ. ހަމަ އެހެންމެ، ހަށިގަނޑަށް ބޭނުންވާ ފެނުގެ ޑޯޒްވެސް ހަމަކުރަންޖެހެއެވެ. ދަރިއަކު ހޯދަން މަސައްކަތް ކުރާއިރު، މި 5 ކަންތަކަށް ސަމާލުކަން ދިނުމުން، ބަލިވެ އިނުމުގެ ފުރުސަތު ބޮޑުވާނެ ކަމަށްވެސް ޑރ އާހިލާ ވިދާޅުވެއެވެ.

5. ބަރުދަން ލުއިކޮށްގެން ޕީކޯސްއަށް އަލްވަދާއު ކިއި ދާނެ

މިއީ ބައެއް ޑޮކްޓަރުންގެ ފަރާތުންވެސް ޕީކޯސް ޕޭޝަންޓުންނަށް ދެވޭ ނުރަނގަޅު މެސެޖެކެވެ.

ބަރުދަން ލުއި ކުރުމަކީ އެއްވެސް ހާލެއްގައި ޕީކޯސްއާއި ޕީސީއޯޑީގެ ދާއިމީ ފަރުވާއެއް ނޫނެވެ. އަދި ހައްލެއްވެސް ނޫނެވެ. ޕީސީއޯޑީއާއި ޕީކޯސްއަކީ ތަފާތު އެކި މައްސަލަތަކަކާ ހެދި ކުރިމަތިވާ ހާލަތެއް ކަމުން، ބަރުދަން ލުއިކުރުކަމުން މިކަމަށް ލުޔެއް ނެތެވެ.

ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީކޯސް) އާއި ޕޮލިސިސްޓިކް އޯވަރީ ޑިޒީޒް (ޕީސީއޯޑީ) އާއި ކުރެވޭ ކުށް ހީ ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައިވާ ހިޔާލީ ކުރެހުމެއް/ފޮޓޯ: ޑރ ސޫޒަން ފޮކްސް

ދިރިއުޅުމުގެ އެތައް ކަމަކަށް ބަދަލު ގެނެސް، ސިއްހީ ތަޖުރިބާކާރުންގެ ގާތުން ވަކި ހާއްސަ ފަރުވާތަކެއްވެސް ހޯދަންޖެހެވެ. ޕީކޯސް ނުވަތަ ޕީސީއޯޑީ ކަމަށް ޝައްކު ކުރެވޭ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، އިތުބާރު ހިފޭ ޑޮކްޓަރެއްގެ އިރުޝާދު ހޯދާށެވެ. ސިއްހީ ކަންކަމަކީ، އެކަށް ދޭ ފަރުވާއިން އަނެކަކަށް ލުޔެއް ނުލިބިދާނެ ފަދަ ގޮތަކަށް އޮތް ކަމެއް ކަން ގަބޫލު ކުރާށެވެ.