ބަރުދަން ލުއި ކުރަން އެދޭނަމަ ހަށިގަނޑަށް އެތެރެވާ ކެލަރީޒް މަދު ކުރުމަކީ ރަން ތަޅުދަނޑިއެއް ކަމީ އެންމެންވެސް ގަބޫލުކުރާ ހަގީގަތެކެވެ. ވަކިން ހާއްސަކޮށް، ކުޑަ ދުވަސްކޮޅެއްގެ ގޮތުގައި ބޮޑުތަނުން ބަރުދަން ލުއި ކުރަން އެދޭނަމަ، ހަށިގަނޑަށް އެތެރެ ކުރާ ކެލަރީޒްވުރެ އިތުރަށް، ކެލަރީޒް އަންދަންޖެހެއެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި، ހަށިގަނޑަށް އެތެރެކުރާ ކެލަރީޒް ގުނަންޖެހެއެވެ. ދުވާލެއްގެ މައްޗަށް ހަށިގަނޑަށް ބޭނުންވާ ކެލަރީޒް، ދުވާލުގެ ހުރިހާ ކެއުމަކަށް ބަހާލަންޖެހެއެވެ.

ކަން މިހެން އޮތް ނަމަވެސް، ބައެއް ސައެންސްވެރިން މިހާރު ބުނަމުންދަނީ، ބަރުދަން ލުއިކުރަން ކެލަރީޒް ގުނުމަކީ، އަދި އެންމެ ރަނގަޅު ގޮތަށް ނުވެދާނެ ކަމަށެވެ.

މީހަކު ޗޮކުލެޓް ރަހަބަލަނީ/ފޮޓޯ: ވީޑިއޯ ބްލޮކްސް

ކެލަރީޒް ގުނުން އެންމެ ރަނގަޅު ނުވަނީ ކީއްވެ؟

ސައެންސްވެރިން ވަކާލާތު ކުރާ ގޮތުގައި ހަށިގަނޑަށް މުހިންމީ ފައިދާ ހުރި ކާނާ ލިއްބައިދެނިވި ޑައެޓެކެވެ. ހަށީގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ހަށިގަނޑަށް ފޯރުކޮށްދެވެނިވި ޑައެޓެކެވެ. ޑައެޓްގެ މާނައަކީ އެއްވެސް ހާލެއްގައި ނުކައި ހުރުމެއްވެސް ނޫނެވެ.

އާދަޔާ ހިލާފަށް ހަށިގަނޑު ފަލަވެ، ބަރުވެގެން ދިއުމުން ދުރުވުމަށްޓަކައި ފައިދާހުރި ކާނާ ބޭނުންވެއެވެ. ހިތުގެ ބައްޔާ، ލޭ މައްޗަށް ދިއުމާ ހަކުރު ބަލި ފަދަ ދިގު މުއްދަތުގެ ބަލިތަކަށް މަގުފަހި ކުރުވަނިވި ކަމަކަށް، އޮބީސިޓީ ނުވަތަ އާދަޔާ ހިލާފަށް ފަލަވާ ބަލި ވެފައި އޮތް އިރު، މިކަމަށް ސަމާލުވުމަށް ކުރަންވީ ހަމައެކަނި އެކަނި ކަމަކީ، ހަށިގަނޑަށް އެތެރެވާ ކެލަރީޒް ގުނާ، އެ މަދު ކުރުމެއް ނޫނެވެ.

ފަލަވާ އިރު މީހާގެ ބަނޑުވެސް އިސާހިތަކު ނުކުމޭ

ހަށިގަނޑަށް އެތެރެވާ ކެލަރީޒް މަދު ކުރަން އުޅުމުގެ ތެރޭގައި، މުހިންމު މާއްދާތަކަކުން ހަށިގަނޑު މަހްރޫމު ކުރެވޭ ގޮތްވެސް ވެދާނެއެވެ. ސިއްހީ ގޮތުން ބަލާއިރު، މިއީވެސް ރައްކާތެރި ކަމެއް ނޫނެވެ. މިއީވެސް ސިއްހީ އެތައް ބަލިތަކަކަށް މަގަފަހި ކުރަނިވި ކަމެއްކަން ގަބޫލުކުރަންޖެހެއެވެ. އެހެންކަމުން، ކެލަރީޒް ގުނައިގެން، ހަށިގަނޑު "ކެލެރީޒްއަށް ޖައްސާލުމުގެ" ބަދަލުގައި، ފައިދާހުރި މާއްދަތަކުން މުއްސަނދިވެފައިވާ ކާބޯތަކެއްޗަށް އަހުލުވެރިވުން މުހިންމެވެ.

ހެއްކަކީ ކޮބާ؟

ޔުނިވާސިޓީ އޮފް ސްޓޭންފޯޑުން ކުރިއަށް ގެންދިޔަ ދިރާސާއަކަށް ބަލަމާތޯއެވެ. ހަށީގަނޑުން ބަރުދަން ލުއިކުރުމުގައި، ލޯ-ފެޓް ޑައެޓަކާ، ލޯ-ކާބް ޑައެޓަކާ ދެމެދު ނަތީޖާގައި މާ ބޮޑު ފަރަގެއް ނެތް ކަމަށްވެއެވެ.

ދުޅަހެޔި ސިއްހަތެއްގައި ދެމިހުރުމަށްޓަކައި ދުޅަހެޔޮ ގޮތެއްގައި ބަރުދަން ލުއިކޮށް ކަސްރަތު ކުރުން މުހިންމު/ފޮޓޯ: ލިޓްލްޓަން ކްލިނިކް

609 މީހަކު ބައިވެރިކޮށްގެން 12 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ބަރުދަން ލުއި ކުރުމުގެ ދިރާސާއަށް ބަލާއިރު، ފައިދާއެއް ނެތް ތައްޔާރީ ކާނާއިން ދުރުވެ، ކެލަރީޒް ނުގުނާ ކޭ މީހުންނާ، ލޯ-ފެޓް އަދި ލޯ-ކާބް ޑައެޓް ގެންގުޅުނު މީހުންނާ ދެމެދު، ބަރުދަން ލުއިވުމުގައި މާ ބޮޑު ފަރަގެއް ނެތެވެ.

ކެލަރީޒް ގުނުން ހުއްޓާލަންވީތަ؟

ބަރުދަން ލުއި ކުރުމަށް ކެލަރީޒް މަދު ކުރުން ނޫން ގޮތެއް ނެތެވެ. ނަމަވެސް، ދިރާސާ އަށް ބަލާއިރު، ކާ މިންވަރަށް ވުރެ ބޮޑަށް، ސަމާލުކަން ދޭންވީ، ކާ އެއްޗަކާ މެދުގައި ކަން ހާމަވެއެވެ.

ތާޒާ މޭވާ އަދި ޔޯގަޓް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ލުއި ކާނާގެ ބާވަތެއް/ފޮޓޯ: މީލް ގާޑަން

ބަރުދަން ލުއިކުރުމަކީވެސް ސިއްހަތަށް ފައިދާ ކުރަނިވި ރާސްތާއެއްގައި ކުރާ ދަތުރަކަށް ހެދުން މުހިންމެވެ. އެގޮތުން، ހަށިގަނޑަށް ބޭނުންވާ، ކާބޯހައިޑްރޭޓްސް، ޕްރޮޓީންސް އަދި ފެޓްގެ މާއްދާތައް ފައިދާ ކުރަނިވި އުސޫލަކަށް ބަހާލައިގެން ބޭނުން ކުރުން، ކެލަރީޒް ގުނުމަށް ވުރެ ބުއްދިވެރިއެވެ. މިފަދަ ޕްލޭންތަކަކީ ކޮންމެ މީހަކަށްވެސް ތަފާތު ވާނެ ޕްލޭންތަކެކެވެ. އެހެންކަމުން، ދުޅަހެޔޮ ގޮތެއްގައި ބަރުދަން ލުއިކުރަން އެދޭނަމަ، ސިއްހީ ތަޖުރިބާކާރުންނާ ޑައެޓީޝަނުންގެ އެހީއާއި ލަފާ ހޯދުން ބުއްދިވެރިއެވެ.