އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހުނު ޚަބަރު އާންމުވުމާއެކު، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތައް ދަށަށް ހިނގައްޖެއްއެވެ.

އިނދަޖެހެމުންދާ އިގުތިސޯދު ނެގެހެއްޓުމަށް ދުނިޔޭގެ އެންމެ ނުފޫޒުގަދަ ބާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުނާ މި ދަނޑިވަޅުގައި، ޓްރަމްޕް ކޮވިޑް-19 އަށް ޕޮޒިޓިވްވި ޚަބަރު ފެތުރުމާއެކު، އެމެރިކާގެ ބާޒާރުތަކުގައި ތެލުގެ އަގުތައް ވަނީ 2 ޕަސެންޓް ދަށަށް ގޮސްފައެވެ. އިނގިރޭސިވިލާތުގެ ބާޒާރުތަކުގައި ތެލުގެ އަގުތައް 1.9 ޕަސެންޓް ދަށަށް ގޮސްފައި ވާކަމަށް ރެކޯޑްތަކުން ދައްކައެވެ.

މި ހަފުތާ ތެރޭގައި އެމެރިކާގެ ބާޒާރުތަކުގައި ތެލުގެ އަގު 5 ޕަސެންޓާ ހަމައަށް ދަށްވާނެ ކަމަށް ލަފާކުރެވެއެވެ. އިނގިރޭސިވިލާތުގެ ބާޒާރުތަކުގައި ތެލުގެ އަގުތައް 4 ޕަސެންޓަށް ދަށަށް ދާނެ ކަމަށް ލަފާ ކުރެވެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު އެންމެ ބޮޑަށް ހީނަރުވެގެން ދިޔަ އެއް ސިނާއަތަކީވެސް ތެލުގެ ވިޔަފާރީގެ ސިނާއަތެވެ. ސަބަބެއް ކަމަށް ވެފައި ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ދިރިއުޅުމަށް ގެންނަންޖެހިފައިވާ ބޮޑެތި ބަދަލުތަކާއެކު، އިހު އުޅުނު އާންމު ދިރިއުޅުމުގެ ގިނަ މަސައްކަތްތަކެއް ހުއްޓުމަކަށް އައިސްފައި އޮތުމުވެ. ތެލަށް އޮތް ޑިމާންޑް އިންތިހާއަށް ދަށްވި ކަމުގައި ވީ ނަމަވެސް، ތެލުގެ އުފެއްދުންތަކުގެ ސިނާއަތުގެ އެންމެ އުހުގައި އުޅޭ ގައުމުތަކުން ދަނީ، އުފެއްދުންތެރިކަން އިންތިހާއަށް ދަށްކުރުމާ ދެކޮޅު ހަދަމުން ކަމަށް ޚަބަރު ލިބެއެވެ. މިއާއެކު، ނަތީޖާއަކަށް ވަނީ، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގެއް ނެތި، އަގުތައް ވެއްޓުމެވެ.